ގަލޮޅު ދަނޑުގައި މިއަދު ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ގަދަކަމުންވަދެގަނެ ހިންގި ހަމަނުޖެހުމުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ހަރަކާތެއް ހިންގަނިކޮށް ގަލޮޅު ދަނޑު ހިމެނޭ ސަރަޙައްދަށް އެއްވި ބަޔަކުވަނީ ގަލޮޅު ދަނޑަށް ވަދެގަނެ، އެ ހަރަކާތް ހުއްޓުވައި އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުންދީ ހަމަނުޖެހުން ހިންގާފައެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހިންގި އެ ހަމަނުޖެހުންތަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

"މި ޕޯޓަލް އަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، ޔޯގާގެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް ގަލޮޅު ދަނޑަށް ވަދެ، "ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ" ސީރިއަސް ކަމެއްގެ ގޮތުގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު