ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށްދަނިކޮށް މިއަދު ހިނގި ހަމަނުޖެހުންތައް ބަލައެއްް ނުގަނެވޭނޭކަމަށް ބުނެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން އެކަން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމުން މިކަން ހާމަކޮށްފައި މިވަނީ މިއަދު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ބައިވެރިންނަށް ދިދަ ދިނީ އެ ޕާޓީންކަމަށް ބުނާ ވާހަކަތަކާއި ގުޅިގެނެވެ.

ހަރަކާތުގެ ބައިވެރިންނަށް ދިދަ ދިނުމާއި ގުޅޭގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ނުވާ ކޮންމެ ކަމަކަށް ވަސީލަތްތައް ފޯރުކޮށްދޭން އެދުމުން އަބަދުވެސް ފޯރުކޮށްދޭ ކަމަށެވެ.

"އެއީ ގާނޫނާ ހިލާފު ކަމަކަށް ނުވާހާ ހިނދަކު އަޅުގަނޑުމެން އެ އެހީތެރިކަމެއް ފޯރުކޮށްދޭނަން." ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ދިދަ ދިން ނަމަވެސް، މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި އެ ކަމަކީ އެ ޕާޓީން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމަކަށް ޕީޕީއެމުން އެއްގޮތަކަށްވެސް ހިތްވަރު ނުދޭނެކަމަށާއި އެފަދަ ކަންކަމުގައި ބައިވެރިވެސް ނުވާނެކަމަށް ތޮލާލް ވިދާޅުވިއެވެ.

މިއަދު ދަނޑުގައި ހިނގި ހަމަނުޖެހުން ބޮޑު މައްސަލަގަނޑަކަށް ވެފައިވާއިރު، އެކަމާއި ގުޅިގެން 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު