މަދު ބަޔަކު ދުނިޔެ ކޮންޓްރޯލް ކުރަމުންދިޔަ ދިއުން ނިމި، އައު ބާރުތަކެއް ދުނިޔޭގައި ގާއިމްވެފައިވާކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެއެވެ.



ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމައަށް ފައްޓަވައިގެން އުޅުއްވާ ރަޝިޔާގެ ރައީސް މިހެން ވިދާޅުވީ ސެއިންޓް ޕީޓާސްބާގް އިންޓަރނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ހުކުރުދުވަހު ވާހަކަފުޅުދައްކަވަމުންނެވެ.


ފޯރަމްގައި ވާހަކަދައްކަވަމުން ރަޝިޔާގެ ރައީސް ވިދާޅުވީ މަދު ބައެއްގެ އަތުގައި އޮތް ދުނިޔޭގެ ވެރިކަން، ނުވަތަ މަދު ބަޔަކު ބޭނުންގޮތަކަށް ދުނިޔެ ކޮންޓްރޯލްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެވިއްޖެކަމަށެވެ. އަދި އިސްތިއުމާރީ ވިސްނުން ފެއިލްވެއްޖެކަމަށާއި އެކަން ދެން އިއާދަނުވާނެކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

"ފިނި ހަނގުރާމައިގައި އެމެރިކާއަށް ކަމިޔާބުވެއްޖެކަމަށް ނިންމި ހިސާބުން އެމެރިކާއިން އަމަލުކުރަމުންދިޔައީ މަތިން ފައިބައިގެން އުޅެ ބައެއް ހެން. އެމީހުންގެ މަސްއޫލިއްޔަތެއް ނެތް، އެމީހުންގެ އޮތީ އަމިއްލަ އެދުންތަކެއް." ޕޫޓިން ވިދާޅުވިއެވެ.


ޕުޓިން ވިދާޅުވީ ދުނިޔޭގައި އައު ބާރުތަކެއް ގާއިމްވެފައިވާކަމަށާއި، އެ ބާރުތަކަށް ވެރިކަމުގެ ނިޒާމާއި އިގްތިސާދާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ފުރިހަމަ ހައްގު އޮންނާނެކަމަށެވެ.


"އަނެއްކާވެސް ކުރީގެ ބާރުތަކަށް، އެ ބާރުވެރިކަން ލިބޭނެކަމަށް ބެލުމަކީ ކުށްހީއެއް.. އެކަމެއް ދެން ނުވާނެ." ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅަމުންދާ ފިޔަވަޅުތަކަށް އިޝާރާތްކުރައްވަމުން ޕޫޓިން ވިދާޅުވީ، އެ ފިޔަވަޅުތަކާއެކު ރަޝިޔާ އިނދަ ޖައްސާލެވެނޭކަމަށް ހުޅަނގުން ގަބޫލުކުރި ކަމަށެވެ. ނަމަވެސް އޭގެ ގެއްލުން ވަމުންދަނީ ހުޅަނގުގެ ގައުމުތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.


" އެ ފިޔަވަޅުތަކާއެކު ހުޅަނގުގެ ގައުމުތަކަށް ވަނީ އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކެއް ކުރިމަތިވެފައި. ކާނާއާއި، ހަކަތައާއި ތެލުގެ އަގު އެ ގައުމުތަކުގައި ބޮޑުވެ، ރައްޔިތުންނަށް ވަނީ އުނދަގޫ ދުވަސްތަކެއް ކުރިމަތިވެފައި. ދިރިއުޅުމުގެ ހާލަތު ވަރަށް ދަށަށް ގޮސްފި. ހާއްސަކޮށް ޔޫރަޕްގައި" ޕޫޓިން ވިދާޅުވިއެވެ.


ޕޫޓިން ވިދާޅުވި ޔޫރަޕިއަން ޔޫނިއަންގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިއްޖެކަމަށާއި އެމީހުން "ނަށަމުންދާނީ ވަކި ބަޔަކު ޖަހާ ބެރުތަކަށް"ކަމަށެވެ. އަދި ޔޫރަޕްގެ ވެރިން ވަކި ގައުމަކުން ބުނާ ގޮތްތައް ހަދަމުންދާތީ، އެމީހުންގެ ރައްޔިތުންނާއި އިގްތިސާދު ނިކަމެތިވަމުން އަންނަކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ޕުޓިން ވިދާޅުވީ ޔޫރަޕްގެ ވެރިން މިއަދު އެމީހުންގެ ބާރެއް ނެތި އަމަލުކުރަމުންދާ ގޮތުން އެގައުމުތަކުގައި ހަމަހަމަކަން ގެއްލި، ބައިބައިވުންތައް އެ ގައުމުތަކުގައި އުފެދޭނެކަމަށެވެ. އަދި ކައިރި މުސްތަގްބަލެއްގައި އެ ގައުމުތަކުގެ ވެރިކަން ބަދަލުވުމަކީ ވަރަށް ގާތްކަމެއްކަމަށް ޕޫޓިން ވިދާޅުވިއެވެެ.

ޔޫކްރެއިން ހަނގުރާމައަށް އިޝާރާތްކުރައްވަމުން ޕޫޓިން ވިދާޅުވީ އެކަން ކުރަންޖެހުނީ އެއްބަސްވުމަކާއި ހަމައަށް ދާނެ އެއްވެސް ގޮތެއް ނެތިގެންކަމަށެވެ.

"އެކަން ކުރަންޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތިގެން" ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ ޔޫކްރެއިންގައި ރަޝިޔާއިން ހިނގަމުންދާ ހާއްސަ މިލިޓަރީ އޮޕަރޭޝަނުން ހާސިލުކުރަން ބޭނުންވާ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު