އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު (ކ)
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު (ކ)
އިލެކްޝަންސް ކޮމިޝަނުން އުވާލުމަށް ނޯޓިސް ދީފައިވާ ހުރިހާ ޕާޓީތަކަކުންވެސް ބޭނުންވާ ޢަދަދަށް ފޯމު ހުށައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ޕާޓީތަކުގެ މެންބަރުން ހަމަކުރުމަށް ދީފައިވާ މުއްދަތުގައި އުވާލުމަށް ނޯޓިސްދިން ހަތަރު ޕާޓީން 3000 މެންބަރުން ހަމަވާ ވަރަށް ފޯމް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން މެންބަރުން ހަމަކުރުމަށް އެމްއާރުއެމުން 720 ފޯމު ބޭނުންވާއިރު އެޕާޓީންވަނީ 1397 ފޯމު ހުށައަޅާފައެވެ. ޑީއާރުޕީން 731 ފޯމު ބޭނުންވާއިރު އެޕާޓީންވަނީ 788 ފޯމު ހުށައަޅާފައެވެ.

ލޭބަރ ޕާޓީން 309 ފޯމު ބޭނުންވާއިރު އެޕާޓީންވަނީ 376 ފޯމު ހުށައަޅާފައެވެ. އަދި ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ އެމްޓީޑީން 543 ފޯމު ބޭނުންވާއިރު އެޕާޓީންވަނީ 962 ފޯމު ހުށައަޅާފައެވެ.

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަ ނުވާތީ، މެންބަރުން ހަމަކުރުމަށް ނޯޓިސް ދީފައިވާ ސިޔާސީ ޕާޓީތައް އުވާލުމާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ހުރި ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން 10000 މެމްބަރުން ހަމަވެގެން ދައުލަތުން ފައިސާ ލިބެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއަށެވެ.



ކިޔުންތެރިންގެ ހިޔާލު