އަހުމަދު ޝާހް   15 ޖޫން 2022 - 16:4
ޑީއާރުޕީގެ ކުރީގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީ
ޑީއާރުޕީގެ ކުރީގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީ
ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީގެ ނަންފުޅު ރައީސް ޞާލިޙް ހުށައަޅުއްވައިފިއެވެ.

އަޙްމަދު ތަސްމީން ޢަލީ ސިންގަޕޫރު ސަފީރުގެ މަޤާމަށް ޢައްޔަނުކުރުމަށް ބޭނުންވާ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައަޅުއްވާފައެވެ. ތަސްމީންވަނީ ކުރިން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

ތަސްމީންގެ އިތުރުން އިންޑިއާގެ ސަފީރު ކަމަށް ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާޙިމް ޝަހީބް އައްޔަނުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. ޝަހީބް މީގެ ކުރިން ހުންނެވީ، ސިންގަޕޫރު ސަފީރު ކަމަށެވެ. ހަމައެއާއެކު މެލޭޝިއާގެ ސަފީރުކަމުން ވިސާމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ޔޫރަޕިއަން ޔޫނިއަންގެ ސަފީރުކަން މީގެ ކުރިން ކުރެއްވި އަލީ ހުސެއިން ދީދީގެ ނަފުޅު ރައީސް ވަނީ ހުށައަޅުއްވާފައެވެ.

މިއަދުގެ ޖަލްސާގައި ސަފީރުކަމަށް ފޮނުއްވި ނަންފުޅު ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ރައީސް ޞާލިޙް ސިންގަޕޫރު ސަފީރުކަމަށް ތަސްމީނުގެ ނަންފުޅު ހުށައަޅުއްވާފައިވާއިރު މި ސަރުކާރު ވެރިކަމާ ޙަވާލުވީ ފަހުން ސިޔާސީ ޙަރަކާތްތަކުން ތަސްމީން ފެނިފައެއް ނުވެއެވެ. ދާދިފަހަކާ ޖެހެންދެން ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީ ހުންނެވީ މެލޭޝިޔާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު