އުވިގެން ގޮސް ހަރަކާތްތައް ހުއްޓިފައިވާ ތަމަޅަ ޓައިގަރުންގެ ޖަމާއަތް ނުވަތަ، ލިބަރޭޝަން ޓައިގަރސް އޮފް ޓަމިލް އީލާމް ޖަމާއަތް އަލުން ހަރަކާތްތެރިވެ އިގްތިސާދީ ހާލަތު ގޯސްވެ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައިވާ ސްރީލަންކާއަށް ހަމަލާ ދޭން ތައްޔާރުވަމުންދާކަން އިންޑިއާގެ އިންޓެލިޖެންސުން ހާމަކޮށްފިއެވެ.

އިންޑިއާގެ އިންޓެލިޖެންސުން ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ 18 ވަނަ ދުވަހު ތަމަޅަ ޓައިގަރުން ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދޭނެއެވެ. މިދުވަހަކީ ތަމަޅަ ޓައިގަރުންގެ ޓެރަރިސްޓު ޖަމާއަތް ނައްތާލުމަށް އެމީހުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި އެމީހުންގެ އިސްލީޑަރު މަރާލި ދުވަހެވެ.

އެގޮތުން މިޖަމާއަތުން ސްރީލަންކާއަށް ހަމާލާދޭން ރާވަނީ އިންޑިއާގެ ޓަމިލް ނާޑޫ ސަރަހައްދުގައި ކަމަށްވެސް އިންޑިއާގެ އިންޓެލިޖެންސުން ހާމަކޮށްފައިވެއެވެ. ތަމަޅަ ޓައިގަރުންގެ ޓީމެއް އިންޑިއާގެ ޓަމިލް ނާޑޫގައި ހަރަކާތްތެރިވަމުންދާކަމުގެ ހަބަރާއެކު އެސަރަހައްދުގައި ފުލުހުންނާއި ސިފައިން ދަނީ ޕެޓްރޯލް ކުރަމުންނެވެ.

ތަމަޅަ ޓައިގަރުން ސްރީލަންކާއަށް ހަމަލާ ދޭން އުޅޭ ކަމުގެ އިންޒާރު ދިނުމާއިއެކު، ލިބެމުންދާ އިންޓެލިޖެންސް ރިޕޯޓުތައް ތަހުގީގުކޮށް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަަޅާނެކަން ސްރީލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

1976 ވަނަ އަހަރު ފުރަތަމަ އޮޕަރޭޝަނާއެކު ވުޖޫދައް އައި ތަމަޅަ ޓައިގަރުންގެ ޓެރަރިސްޓު ޖަމާއަތުގެ ލީޑަރާއެކު ގިނަބަޔަކު މަރާލައި މިޖަމާއަތް ނައްތާލީ 2009 ވަނަ އަހަރުއެވެ. ސްރީލަންކާއަށް ނިސްބަތްވާ މިޖަމާއަތަކީ ނުރައްކާތެރި ޓެރަސްރިސްޓު ޖަމާއަތެއްކަން ދުނިޔޭގެ 33 ގައުމަކުން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން