ނޫސްވެރިޔާ ޝީރީންގެ ޖަނާޒާ ކުރިއަށްދަނިކޮށް އިޒްރޭލު ސިފައިން ހަމަލާ ދީފިއެވެ.

މިދިޔަ ބުދަ ދުވަހު ފަލަސްތީނުގެ ވެސްޓްބޭންކް ސަރަހައްދުގައި މޫނަށް ބަޑިޖަހައި މަރާލި ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފަލަސްތީނު ސަރުކާރުގެ ފަރާތުން ބޭއްވި މިހާއްސަ ޖަނާޒާއަށްވެސް އިޒްރޭލު ސިފައިން ވަނީ ހުރަސް އަޅަން މަސައްކަތްކޮށްފައެވެ.

އާންމުވަމުންދާ ވީޑިއޯތަކުން، ނޫސްވެރިޔާ ޝީރީންގެ ސަންދޯކާއެކު ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލު ސިފައިން ހަމަލާ ދޭތަން ފެނިގެންދެއެވެ.

"ހަމަލާ ދިން އިޒްރޭލު ސިފައިން ދިޔައީ ޝީރީންގެ ސަންދޯކާއެކު ތިބި މީހުންނަކީ މުސްލިމުންތޯ، ކްރިސްޓިއަނުންތޯ ބަލައި، މުސްލިމެއްނަމަ، ނޫސްވެރިޔާ ޝީރީންގެ ޖަނާޒާގައި ބައިވެރި ނުވެވޭނެކަމަށް ބުނަމުން." އެސަރަހައްދުގައި ހަރަކާތްތެރިވި އަލްޖަޒީރާގެ ނޫސްވެރިއެއްކަމަށްވާ އިމްރާން ޚާން ބުންޏެވެ.

"އަހަރުމެންގެ ގައުމުގައި ސުލްޙަވެރިކަމާއެކު ޖަނާޒާއެއްވެސް ނުބޭއްވެ،" ނޫސްވެރިޔާ ޝީރީންގެ ކޮށްކޮ ލީނާ އަބޫ އަކްލޭ ބުންޏެވެ.

ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމަށް އިޒްރާއީލުގެ ބެލުމުގެ ދަށުގައިވާ ފަލަސްތީނުގެ ފައްޅިއަކަށް ނޫސްވެރިޔާ ޝީރީންގެ ސަންދޯ ވެއްދިއިރު، މިޖަނާޒާގައި ބައިވެރިވުމަށް ސަންދޯކާއެކު ދިޔަ ގިނަބަޔަކު ވަނީ އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރެއިން ގިނަބަޔަކު ހައްޔަރުކުރީ ފަލަސްތީނުގެ ދިދަ ހިފައިގެން ތިބީމަކަމަށް މަންޒަރުދުއް ގިނަބަޔަކު ސިފަކުރެއެވެ.

އަދި ޖަނާޒާ ބޭއްވުމުގެ ކުރިން، ޖަނާޒާގައި ފަަލަސްތީނުގެ ދިދަ ބޭނުން ނުކުރުމަށް ނޫސްވެރިޔާ ޝީރީންގެ އާއިލާއަށް އިޒްރޭލު ސިފައިން އެންގިކަމަށްވެސްވެއެވެ. އަދި ފައްޅީތެރޭގައި ޖަނާޒާ ކުރިއަށް ދިޔައިރު ފައްޅީގެ ބޭރުގައި ފަލަސްތީނުގެ ދިދަ ހިފައިގެން ތިބި މީހުންގެ އަތުން އެދިދަތައް އަތުލައި ހަލާކުކޮށް، ދިދަ ހިފައިގެން ތިބި މީހުންނަށް އަނިޔާކޮށްފައިވާކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން