ރަޝިޔާއިން ދެމުންދާ ހަމަލާތަކާއެކު ހާލުގައި ޖެހިފައިވާ ޔުކްރެއިނުގެ އާންމު ރައްޔިތުންނަށް އިނގިރޭސިވިލާތުން ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.

ރަޝިޔާއިން ދެމުންދާ ހަމަލާތަކާއެކު ޔުކްރެއިނުގެ ގިނަ ބަޔަކު އެގައުމު ދޫކޮށް އަވަށްޓެރި ގައުމުތަކަށް ހިޖުރަކޮށްފައިވާއިރު، ޔުކްރެއިނުގައި ތިބި ގިނަ ބަޔަކު ވަނީ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައެވެ. އެގޮތުން ބިމުއަޑީ ޓްރެއިން ސްޓޭޝަންތަކުގައިވެސް ޔުކްރެއިނުގެ ގިނަ ބަޔަކު ދަނީ ހިމާޔަތް ހޯދަމުންކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ޔުކްރެއިނުގައި ތިބި ފަރާތްތަކަށް އެހީތެރިވުމަށް އިނގިރޭސިވިލާތުން 25 ޓްރަކްގެ ކާބޯތަކެތި ގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ފެނާއި، ދަޅުކާނާގެ އިތުރުން ޑްރައި ފުޑް ހިމެނެއެވެ.

އިނގިރޭސިވިލާތުން ހާމަކޮށްފައިވާގޮތުގައި މިއެހީގެ ތަކެތީގެ އަގު 2.6 މިލިއަން ޑޮލަރަށް އަރާނެއެވެ.

މިއެހީގެ ތަކެތި ޔުކްރެއިނަށް ގެންދިިއުމަށް ހަމަޖެހިފައިވަނީ ޕޮލޭންޑް، އަދި ސްލޮވޭކިއާ މަގުންނެވެ.

އިނގިރޭސިވިލާތުގެ އިތުރުން ޔުކްރެއިނުގެ އަވަށްޓެރި އެކި ގައުމުތަކާއި އދ އަދި ރެޑް ކްރޮސް ރެޑް ކްރެސެންޓް ފަދަ އެކި ޖަމިއްޔާ ޖަމާއަތްތަކުންވެސް ދަނީ ޔުކްރެއިނުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން