އަފްގާނިސްތާނުގެ އަންހެން ކުދިންނަށް މަތީތައުލީމު ހާސިލުކުރަން ފުރުސަތު ނުދިނުމަށް ތާލިބާނުންނަށް ދެއްކެން އޮތް ބަހަނާއެއް ދައްކާނެ ކަމަށް މަލާލާ ޔޫސަފްޒައި ބުނެފިއެވެ.

އަންހެން ކުދިން ތައުލީމު އުނގެނުމުގެ މުހިންމުކަން މުޅިދުނިޔެއަށް އަންގައިދެމުންދާ މާލާލާ މިހެން ބުނެފައިވަނީ އަފްޢާނިސްތާނުގެ އަންހެން ކުދިން ސްކޫލަށް ކިޔަވަން ދިއުން ހުއްދަ ކުރުމަށް ނިންމިތާ 11 ގަޑިއިރުވެސް ނުވަނީސް އެ ނިންމުން ބަދަލުކޮށް، އެކަން މަނާކުރުމުންނެވެ.

މީގެ 7 މަސްދުވަސް ކުރިން އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އެރިފަހުން ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން އޮތީ މަނާކޮށްފައެވެ. ނަމަވެސް އިއްޔެ ވަނީ އަންހެން ކުދިން ކިޔަވަން ދިއުމަށް ހުއްދަ ދީ، ސްކޫލްތައްވެސް ހުޅުވާފައެވެ. އެ ހުއްދަ ދިންތާ 11 ގަޑިއިރުވެސް ނުވަނީސް ތާލިބާނުންގެ ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކޮށްފައެވެ.

މިކަމާ ގުޅިގެން ސުލްޙައިގެ އިނާމުވެސް ހާސިލުކޮށްފައިވާ މަލާލާ ބުނީ އަންހެން ކުދިން ޕްރައިމަރީ ސްކޫލަށްވުރެއް މައްޗަށް ކިޔަވާކަށް ތާލިބާނުން ބޭނުން ނުވާނެކަމަށެވެ. އަދި ތާލިބާނުން ބޭނުންވަނީ އަފްގާނިސްތާނަކީ އަންހެން ކުދިންނަށް އެއްވެސް ތަޢުލީމެއް ދޭން ބޭނުންނުވާ ގައުމެއްކަން ދައްކުވައިދޭންކަމަށް މަލާލާ ފާހަގަކުރިއެވެ.

"އަފްގާނިސްތާނުގެ އަންހެން ކުދިން ސްކޫލަށް ކިޔަވަން ދިއުން ހުއްދަ ކުރުމަށް ނިންމި ހިސާބުންވެސް އިނގޭ މީގެކުރިންވެސް ބަހަނާ ދެއްކިގޮތަށް އަންހެން ކުދިންނަށް ތައުލީމު އުނގެނެން ފުރުސަތު ނުލިބޭނެކަން. މިއީ މީގެ ކުރިންވެސް ކަން ހިނގާފައިވާގޮތް. ބަހަނާއެއްގެ ގޮތުގައި ދައްކާނެ ކުދިންގެ ޔުނީފޯމޭ، ކްލާސް ރޫމް ވަކިކުރަން ޖެހެޔޭ، އަންހެން ކުދިންނަށް ކިޔަވައިދޭން ޖެހޭނީ އަންހެން ޓީޗަރުންނޭ. މިއީ އެއްވެސް ވަރަކަށް އާ އުޒުރުތަކެއް ނުން." މަލާލާ ބުންޏެވެ.

ޕާކިސްތާނަށް އުފަން މަލާލާއަކީ ކުޑައިރުއްސުރެން އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް، އޭރު ޕާކިސްތާނުގެ ބޮޑުބަައެއްގައި ވެރިކަން ކުރަމުންދިޔަ ތާލިބާނުންގެ ސަބަބުން ކުރިމަތިވަމުންދިޔަ ގޮންޖެހުންތައް މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނައި ކުއްޖެކެވެ. ހާއްސަގޮތެެއްގައި އަންހެން ކުދިން ތައުލީމު އުނގެނުމުގެ ފުރުސަތުތަކުން މަހުރޫމްކުރުމަށް ތާލިބާނުން ކުރަމުން ދިޔަ މަސައްކަތަށް ބައިނަލް އަގުވާމީ އެތައް ޖަމިއްޔާ ޖަމާއަތްތަކެއްގެ ސަމާލުކަންވެސް އޭނާއަށް ލިބިގެންދިޔައެވެ. ނަމަވެސް މަލާލާގެ މިމަސައްކަތުގައި ބޭރުގެ އެތައް މީޑިޔާއަކަށް ދިން އިންޓަރވިއުތަކާއި އޭނާގެ ބްލޮގް ގައި ހާމަކުރަމުންދިޔަ މައުލޫމާތުގެ ސަބަބުން އޭނާވީ ތާލިބާނުންގެ ޝިކާރައަކަށެވެ.

އެގޮތުން 2012 ވަނަ އަހަރު ސްކޫލް އިމްތިހާނެއް ނިންމާފައި ގެއަށް ދަނިކޮށް އޭނާ މަރާލުމަށް ތާލިބާނުން ވަނީ މަލާލާގެ ބޮލަށް ބަޑިޖަހާފައެވެ. އެތައް ދުވަހެއްގެ ސިއްހީ އެހީތެރިކަމާއެކު އޭނާގެ ފުރާނަ ސަލާމަތްވިއިރު މަލާލާ އަށްވަނީ މުޅިދުނިޔޭގެ ސަމާލުކަންލިބިފައެވެ. ދެން އޭނާ މަސައްކަތް ފެށީ ތައުލީމު ހާސިލު ކުރުމުގެ ހައްގުތަކަށް ވަކާލާތު ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ވިކިލީކުސް

29-Mar-2022

މަލާލާ އަކީ ތަހުޒީބީ ހުޅަނގުގެ ތާއީދު ލިބިފަވާ މީހެއް. ޔޫއެސް ޖަސްޓިސްއިން މަލާލާއަށް ފަންޑު ކޮށްދެނީ ސަބަބެއް އޮތީމަ. ހުޅަނގުގެ ޑިމޮކްރަސީއަށް ވަކާލާތުކުރާ ޖަމާޢަތްތަކުން މަލާލާގެ ބޭނުން ކުރަނީ އިސްލާމްދީނުގެ އިން ފަހަނައަޅައި މަލާލާ ލައްވާ ހައްގުގެ ނަމުގަ ހުޅަނގުގެ ޕްރޮޕެގެންޑާ އަށަގެންނެވުމަށް. ޕާކިސްތާނާ އަފްޣާނުގައި އަންހެންކުދިން ރައްކާތެރިކަމާއެކީ/މީހަކާ އިންނަންދެން ހަށިގަނޑުގެ ރައްކާތެރިކަން ކަށަވަރުކޮށްފަ ބެހެއްޓުމަށްޓަކައި ވަރަށް މަސައްކަތްކުރޭ. އެކަމާ ދެކޮޅަށް އަންހެނުންގެ ހއްގޭ ކިޔައި ހުޅަނގުން ވަކާލާތު އެކުރަނީ. ޕާކިސްތާނާ އަފްޣާނުގައި އެއްޖިންސުން ގުޅުން ހިންގާނަމަ އެމީހަކަށް މަރުގެ އަދަބު އޮވޭ. ނަމަވެސް ހައްޤޭ ކިޔައި ތި ވަކަލަތުކުރާ ގައުމުތަކުގަ އެމެރިކާ ކެނެޑާ, ޑެންމާކު, ފުރާންސް, ސްޕޭނު އިގިރޭސިވިލާތް އަދި ޖަރުމަނު ފަދަ ގައުމުތަކުގަ އެއްޖިންސުން ގުޅުން ހިންގުން ގާނޫނީގޮތުން އޮންނަނީ ހުއްދަ ކޮށްފަ. ސަބަބެއްކަމަށް ދައްކަނީ އެއް ކުލާސްރޫމެއްގެ ތެރޭގައި އެއް ހެދުމެއްގައި ކިޔަވާއިރު އެއީވެސް ހައްގެއް ކަމަށް ބުނެ. މިއީ ވަރަށް ދުރާލާ ހުޅަނގުން މުސްިމުންގެ ތައުލީމީ ނިޒާމަށްވެސްގެންނަންއުޅޭ ބަދަލެއް. މިބަދަލު އަންން ފެށުމާއެކު ޓީޗަރުން ދަރިވަރުންނާ ބެހޭ މަންޒަރުތައް ތިލަވާން ފަށާ. ރޭޕްކުރުމާ އަންހެންކުދިންގެ އިއްފަތްތެރިކަން ގެއްލެން ފަށާ. އަންހެންކުދިން ސގިރޭޓް ބުއިމާ ފަތްބުއިމަށް މަގުދައްކާ. އަފްޣާނިސްތާނުގައި މިކަންތަކާ ދެކޮޅަށް ވަކާލާތު ކުރޭ. އެހެންވެ , ސްކުކްތަކުގަ ފަރުދާކުރެވެން ނެތީމަ, އެކަން ހަމަޖެހެންދެން ބާލިޣުވެފައިވާ އުމުރުގެ ކުދިންގެ ކިޔެވުން މެދުކަނޑާލީ.



ޓްރެންޑިން