ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤު
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤު
ދިވެހިންގެ ތެރެއިން ބައިބައިވުމާއި ފިތުނަ ފަސާދަ ނައްތާލަން ޖެހޭ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤު ވިދާޅުވީ މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ބޭނުމަކީ ތާރީޚީ ހާދިސާތަކުން ޢިބްރަތް ހާޞިލްކޮށް, ފިލާވަޅުތައް ހޯދައި ޤައުމަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާކުރުން ކަމަށެވެ.

އަދި އެފަދަ ހާދިސާތަކުން ޢިބްރަތް ހޯދައިގެން ރަށާއި, ޤައުމު ކުރިއަށްގެންގޮސް ތަރައްޤީކުރުމުގައިވެސް ބޭނުންކުރަންޖެހޭކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަޅުވެތިވުންފަދަ ހާދިސާތައް ހިނގުމުގައި އެބައެއްގެތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އޮތުން ސަބަބަކަށްވާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ ދިވެހިންގެ ތެރެއިން ބައިބައިވުމާއި ފިތުނަ ފަސާދަ ނައްތާލަން ޖެހޭކަމަށެވެ.

"އަޅުގަނޑުމެން އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންގެ ދަރިންނަށް ހަވާލުކުރާއިރު އަމަން އަމާން ޞުލުހަވެރި މުޖުތަމައަކާއެކު ހަވާލުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެކަން ވާނީ އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން އޮވެގެން. އިސްލާމް ދީނުގެ މަތިވަރު އުޞޫލުތައް ހިފަހައްޓައިގެން." މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ހޯމް މިނިސްޓްރީން މިއަހަރުގެ ޝަހީދުންގެ ދުވަސް ފުވައްމުލަކުގައި ބާއްވަން ނިންމުމަކީ ފުވައްމުލަކުގެ ރައްޔިތުން ވަރަށް އުފާކުރިކަމެއްކަމަށެވެ. އެކަމަށްޓަކައި ހޯމް މިނިސްޓްރީގެ ވެރިންނަށް ޚާއްޞަކޮށް, މިނިސްޓަރ ޢިމްރާން ޢަބްދުالله އަށް މޭޔަރު ވަރަށްބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު މިކަން ކާމިޔާބުކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއެކު ސިޓީ ކައުންސިލާ ގުޅިގެން ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓްރީން މިއަހަރު ޝަހީދުންގެ ދުވަސް ފާހަގަކުރީ ފުވައްމުލައް ސިޓީ ކައުންސިލާ ގުޅިގެން އެރަށުގައެވެ. ރޭ ފުވައްމުލަކު ބޯޅަ ދަނޑުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަނެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދުވަހާ ގުޅިގެން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ ސުވާލު މުބާރާތާއި, ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަތަކަށް އައި ފަރާތްތަކަށް އިނާމްދީފައިވެއެވެ. މީގެއިތުރުން ފުވައްމުލަކުގެ ދަރިވަރުންގެ ފަރާތުން ދުވަހާ ގުޅޭ ޚާއްޞަ ހަރަކާތެއް ހުށަހަޅައިދިނެވެ. އަދި ފުވައްމުލަކުގެ ދަރިވަރަކު ދުވަހާ ގުޅޭގޮތުން ވާހަކަދެއްކިއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމުގައި ކައުންސިލުން އެންމެބޮޑަށް ވިސްނީ މިކަމުން ފުވައްމުލަކު ރައްޔިތުންނަށް, ސްކޫލް ކުދިންނަށް އެންމެ ފައިދާހުރި މައުލޫމާތު ލިބެނިވި ގޮތަކަށް ކުރިއަށްގެންދަންކަމަށް ވިދާޅުވިއެވެ. ސުވާލު މުބާރާތާއި, ކުރެހުމުގެ މުބާރާތަކީ އެވިސްނުމުގައި ކުރިއަށްގެންދިޔަ ދެ މުބާރާތެވެ. ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދުވަހާ ގުޅޭގޮތުން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސާޗް އެނެލިސްޓް އަޙުމަދު އަލާ ވަރަށް ތަފްޞީލްކޮށް ވާހަކަދެއްކެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން