ޝަހީދުންގެ ދުވަހުގެ މައުރަޒަށް ހުށަހެޅި 1 ވަނަ ކުރެހުން  (ޝަޒުރާ ސައީދު / ވިންދު)
ޝަހީދުންގެ ދުވަހުގެ މައުރަޒަށް ހުށަހެޅި 1 ވަނަ ކުރެހުން (ޝަޒުރާ ސައީދު / ވިންދު)
މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރެހުމުގެ މުބާރާތެއް ބާއްވައިފިއެވެ.

ފުވައްމުލަކު ސިޓީގައި, އެސިޓީއަށް ހުޅުވާލައިގެން ބޭއްވި މިމުބާރާތަކީ ހޯމް މިނިސްޓްރީއާއި, ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ބޭއްވި މުބާރާތެކެވެ. މުބާރާތަށް ހުށަހެޅި ކުރެހުންތަކުން ވަނަތައް ހޮވާ, ކުރެހުންތައް ހިމެނޭ މައުރަޒު ޢާއްމުކޮށް ހުޅުވާލީ ރޭގައެވެ.

ވަނަތަކަށް ހޮވުނު ކުރެހުންތައް ހުށަހެޅި ފަރާތްތަކަށް ފައިސާގެ އިނާމް ހުށަހަޅައިގެން ބޭއްވި މުބާރާތުން އެއްވަނަ ހޯދީ ވިންދު, ޝަޒުރާ ސައީދުއެވެ. ދެވަނަ ހޯދީ ދާރީގެ, ފާތިމަތު މިލްނާއެވެ. އަދި ތިންވަނަ ހޯދީ ރޫބީ, އާއިޝަތު ސަބާއެވެ. ވަނަތައް ހޯދި ފަރާތްތަކަށް އިނާމް ދިނުމަށް ހަމަޖެހިފައިވަނީ މިރޭ ފުވައްމުލައް ސިޓީގައި ބާއްވާ ޝަހީދުންގެ ދުވަހުގެ ޖަލްސާގައެވެ. މައުރަޒަށް ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު ދިނީ "ޤައުމިއްޔަތު"ތީމަށް ބިނާކޮށެވެ.

އެގްޒިބިޝަނާ ގުޅޭގޮތުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤު ވިދާޅުވީ މިއީ ކުދިން މިފަދަ ދުވަސްތަކާ މެދު ވިސްނާ ފިކުރުކޮށްގެން ކޮށްފައިވާ ވަރަށް ރަނގަޅު މަސައްކަތްތަކެއް ފެނިގެންދިޔަ ކުރެހުންތަކެއް ހިމެނޭ މައުރަޒެއްކަމަށެވެ. ވަރަށްގިނަ ކުދިން ޤައުމިއްޔަތާ ދޭތެރޭ ވިސްނާ ޤައުމިއްޔަތު ރަމުޒުކޮށްދޭން މަސައްކަތްކޮށްފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހޯމް މިނިސްޓްރީއާއި, ފުވައްމުލަކު ސިޓީ ގުޅިގެން ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފައިދާ ޚާއްޞަކޮށް ފުވައްމުލަކު ސިޓީގެ ދަރިވަރުންނަށް, ޢާއްމުންނަށް ކުރާނެކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.

"ފުވައްމުލަކުގައި މިކަހަލަ ދުވަސްތައް ފާހަގަކުރުމަކީ ކައުންސިލާއި, ސިޓީގެ ރައްޔިތުންނަށް ލިބޭ ޝަރަފެއް" މޭޔަރު ވިދާޅުވިއެވެ.

ކުރެހުންތައް ހިމެނޭ އެގްޒިބިޝަން ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީން ހަސަންއާއި ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤުއާއި, މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން