ފުރާވަރު ކޭމްޕް
ފުރާވަރު ކޭމްޕް
ފުލުހުންގެ "އަމާންވެށި ޕްރޮގްރާމް" ގެ ދަށުން ކުރިއަށް ގެންދާ '"ފުރާވަރު ކޭމްޕް" އދ. އަތޮޅު މަދަރުސާގައި ފަށައިފިއެވެ.

މާމިގިލީގައި ހުންނަ އދ. އަތޮޅު މަދަރުސާގައި އިއްޔެއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. މި ކޭމްޕަކީ ސްކޫލް ދަރިވަރުންގެ އަހުލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބާރުއެޅުމާއެކު ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ ކޭމްޕެކެވެ.

ފުލުހުން ބުނީ މި ކޭމްޕުގައި ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ބުނެދޭނެ ކަމަށެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކުރާނެއެވެ.

މީގެ އިތުރުން އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމާއި މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދޭނެއެވެ.

ހަމައެއާއެކު ދަރިވަރުންނާ ގުޅުންހުރި ގާނޫނު ތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން އުނގަންނައިދޭނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން