ޑީސަލް ގަތުމަށް ކިއުގައި ޖެހިފައި ތިބި އާންމުންގެ ބަޔަކު.
ޑީސަލް ގަތުމަށް ކިއުގައި ޖެހިފައި ތިބި އާންމުންގެ ބަޔަކު.
ތެލަށް ޖެހި ސްރީލަންކާގައި 7 ގަޑިއިރަށް ކަރަންޓު ކަނޑާލަން ނިންމައިފިއެވެ.

ސްރީލަންކާގައި ކަރަންޓު ކަނޑާލަން ނިންމާފައިވަނީ ސިލޯން އިލެކްޓްރިސީ ބޯޑު (ސީއީބީ) އިން ޕަވަރ ޖެނެރޭޝަން ތަކަށް ބޭނުންވާވަރަށް ތެޔޮ ނުލިބިގެން ކަމަށް އެގައުމުގެ ޕަބްލިކް ޔުޓިލިޓީސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. އެގޮތުން ހުސްވިމަހު ޕަބްލިކް ޔުޓިލިޓީސް ކޮމިޝަނުން ވަނީ ސީއީބީއަށް ސްރީލަންކާގެ އެކި ސަރަހައްދު ތަކުން އެތައް ގަޑިއިރަކަށް ކަރަންޓު ކަނޑާލުމަށް ހުއްދަދީފައެވެ.



މިހުއްދައިގެ ދަށުން މިދިޔަ އަންގާރަ ދުވަހު ސްރީލަންކާގެ ބައެއް ސަރަހައްދު ތަކުން ވަނީ ތިން ގަޑިއިރާއި ތިރީސް މިނެޓަށް ކަރަންޓު ކަނޑާލާފައެވެ. އަދި މިއަދު ހެނދުނު 8:00 އިން އިރުއޮއްސި 6:00 އާއި ދެމެދު ފަސް ގަޑިއިރަށް ސްރީލަންކާގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިގެންދާނެއެވެ.

މީގެ އިތުރުން މިއަދު އިރުއޮއްސި 6:00 އިން މިރޭ 11:00 ޖެހުމާއި ދެމެދު ދެގަޑިރާ ތިރީސް މިނެޓަށް ސްރީލަންކާގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކަނޑާނެއެވެ.

ސްރީލަންކާގެ ޕަވަރ ޖެނެރޭޝަން ތަކަށް ބޭނުންވާ ތެޔޮ ގަތުމަށް ދަތިތަކެއް ކުރިމަތިވެފައިވަނީ އެގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތާއެކު ޑޮލަރުގެ ތާށިކަމެއް އުފެދިގެންނެވެ.

"ބޭންކު ތަކުން ކްރެޑިޓް ހޯދަން އެހާމެ އުނދަގޫ އަދި މިކަމަށް ސަރުކާރުން މާބޮޑު އެހީއެއްވެސް ނުލިބޭ. ތެލުގެ ދަތިކަން ކުރިމަތިވިޔަސް އަގު ބޮޑުކުރެވޭކަށް ނެތް. ކޮންތާކުން ބޭނުންވާ ވަރަށް ތެޔޮ ގަންނަން ލާރި ހޯދަނީ." ޓީވީ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ސްރީލަންކާގެ އެނަރޖީ މިނިސްޓަރ އުދަޔަ ގައްމަންޕިލަ ވިދާޅުވިއެވެ.

"ސްޓޮކްގައި ބާކީ ހުރީ ޑީސަލްގެ ވިހިހާސް މެޓްރިކް ޓަން. މިއީ ގާތްގަނޑަކަށް ހަތަރު ދުވަހުގެ ސްޓޮކް." މިނިސްޓަރ އުދަޔަ ގައްމަންޕިލަ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އިމްޕޯޓު ކުރާ މުދަލުން އިސްކަން ދޭންޖެހޭ ކަންކަން ސަރުކާރުން ދެނެގަތުމަށް މުހިންމުކަން ފާހަގަކޮށް ސަރުކާރުން މިކަމުގައި އަމަލު ކުރަމުންދާ ގޮތާމެދު ފާޑުވިދާޅުވެފައެވެ.

ސްރީލަންކާގައި އިގްތިސާދީ ހާލަތު ދަށަށްގޮސް ޑޮލަރުގެ މުއާމަލާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ ކޮވިޑް ބަލިމަޑުކަމާ ހެދިއެވެ. މިއާއެކު ހުސްވި އަހަރު ފަހު ކޮޅު ސްރީލަންކާގެ ކަމާބެހޭ މާހިރުން ވަނީ އެގައުމުގައި ކާބޯތަކެއްޗަށް ޖެހިދާނެކަމުގެ ބިރުއޮތްކަމަށްވެސް ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން