އަފްގާނިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތައް އަމިއްލަ ކިޑްނީ ވިއްކަން ފަށައިފިއެވެ.

ތާލިބާނުން އަފްގާނިސްތާނުގެ ބާރުތައް ހިފުމާއެކު، ބޭރުގެ އެހީއަށް ބަރޯސާވާ އަފްގާނިސްތާނަށް ބޭރު ގައުމުތަކުންނާއި އެކި ބައިނަލްއަގުވާމީ ޖަމާއަތްތަކުން އެގައުމަށް ކަނޑައަޅާފައިވާ މާލީ އެހީތެރިކަން ވަނީ ގަނޑުކޮށްފައެވެ. މިއާއެކު އަފްގާނިސްތާނުގެ ގިނަ ބަޔަކު ބަނޑަށް ޖެހިފައިވާކަމަށް އަލިފުދާލުން މީގެ ކުރިންވެސް ހާމަކޮށްފައިވެއެވެ.

ހާއްސަ ގޮތެެއްގަައި އަފްގާނިސްތާނުގެ ފަގީރު އަވަށް ތަކުގައި ދިރިއުޅޭ އާމްދަނީ އެއް ނުލިބޭ ފަގީރު ފަރާތްތަކުން ވަނީ އެމީހުންގެ އަނބި ދަރިންނަށް ކާން ބޯން ދޭނެ އިތުރު ގޮތެއް ނެތުމުން އަމިއްލަ ކިޑްނީ ވިއްކަން ފަށާފައެވެ. އަދި މިކަން އާންމުވެ އަފްގާނިސްތާނުގެ އަވަށެއް މިހާރު ވަނީ 'އެއް ކިޑްނީ އަވަށުގެ' ނަމުން މަޝްހޫރުވެފައެވެ.

ގުނަވަން ވިއްކުމަށް މަނާ ކުރާ ގާނޫނެއް ނެތް އަފްގާނިސްތާނުގައި ކިޑްނީ ވިއްކަމުންދަނީ ގާތްގަނޑަކަށް 1500 ޑޮަލަރަށެވެ. އަދި މިފަދަ ފަރާތްތަކުގެ ކިޑްނީ ގަންނަމުންދަނީ އަފްގާނިސްތާނާއި، އިންޑިއާ، ޕާކިސްތާނު ފަދަ އަވަށްޓެރި ގައުމުތަކުންނެވެ.

އދ ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަފްގާނިސްތާނުގެ އާބާދީގެ 50 އިންސައްތަ މީހުން ވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ. އަދި މީގެ ތެރެއިން 9 މިލިއަން މީހުން ބަނޑަށް ޖެހި ސިއްހީގޮތުން ނުރައްކާ ހާލަތަށްދިއުން އެކަށީގެންވާކަމަށްވެއެވެ.

އަފްގާނިސްތާނަށް ބޭނުންވާ މާލީ އެހީ ލިބުން ލަސްވަމުންދަނީ އެމެރިކާއިން އަޅާފައިވާ ހުރަސްތަކާއެކުއެވެ.

އަދި މިދިޔަމަހު ކުރީކޮޅު އެމެރިކާއިން ހިފަހައްޓާފައިވާ މާލީ އެހީ ދޫކުރުމަށް އެއްބަސްވިނަމަވެސް، އަފްގާނިސްތާނަށް ކަނޑައަޅާފައިވާ 7 ބިލިއަން ޑޮލަރުގެ ތެރެއިން އަފްގާނިސްތާނަށް ދޫކުރާނީ 50 އިންސައްތަ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އަދި ބާކީ 50 އިންސައްތަ ހަދިޔާ ކުރާނީ 2001 ވަނަ އަހަރު އެމެރިކާގެ ޓްވިންޓަވަރަށް ދިން ހަމަލާއިން ގެއްލުން ލިބުނު ފަރާތްތަކަށް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން