ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ)ގެ ފޯނު ފޭރިގަތުމުން ސައުވީސް ގަޑިއިރު ތެރޭގައި ފުލުހުން ފޯނު ހޯދައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު މަންދީގެ ފޯނު ފޭރިގަތީ ރޭގެ ވަގުތެއްގައި ސައިކަލެއްގައި އައި ދެ މީހެކެެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަނެފައިވަނީ މަންދީގެ އައިފޯން 11 ޕްރޯ މެކްސް ފޯނެވެ. ފުލުހުން އެ ފޯނު ހޯދާފައިވަނީ ފޯނު ފޭރިގަތުމަށްފަހު މީހަކަށް ވިއްކާލައިފައިވަނިކޮށެވެ. ފުލުހުން މިހާރު ވަނީ އެ ފޯނު މަންދީ އާއި ހަވާލުކޮށްފައެވެ.



އެމްޑީޕީގެ އޮފީހުގެ އިދާރީ ކަންކަމުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ މަރިޔަމް ޒުބައިރު ވިދާޅުވީ، އޭނާގެ ފޯނު ވަގަށް ނެގިތާ ސައުވީސް ގަޑިއިރު ތެރޭގައި ފުލުހުން ފޯނު ހޯދާފައިވާ ކަމަށެވެ. މަންދީ ވަނީ އެކަމަށްޓަކައި ފުލުހުންގެ އިދާރާއަށް ޝުކުރު އަދާކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

މީކާއިލްގެ މަންމަގެ ފޯނު ގެއްލުނުތާ 24 ގަޑިއިރުގެ ތެރޭގައި ފުލުހުން ހޯދާފައިވާއިރު މީކާއިލަކީ ފުލުހުންގެ ޚިދުމަތާއި ބެހޭގޮތުން އެކި މުނާސަބާތަކުގައި ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުވިދާޅުވަމުން ގެންދަވާ މެންބަރެކެވެ.



ކިޔުންތެރިންގެ ހިޔާލު