މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
ސަރުކާރުން ދަނީ ކައުންސިލްގެ މަސައްކަތަށް ހުރަސްއަޅަމުން ކަމަށާއި ނަމަވެސް ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުޢިއްޒު ވިދާޅުވީ ހުޅުމާލެ އަކީ ޤާނޫނީގޮތުން މާލޭ ސިޓީ ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ސަރަޙައްދެއްކަމަށާއި ނަމަވެސް ހުޅުމާލޭގެ އެއްވެސް ކަމެއް މިއަދާ ހަމައަށްވެސް އެ ކައުންސިލަށް ސަރުކާރުން ޙަވާލުކޮށްފައި ނެތް ކަމަށެވެ.

"އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށް ވިދާޅުވެ ދެއްވި ޙަވާލުކޮށް ދެއްވާނެ ކަމަށް. އެހެންނަމަވެސް ތަކުރާރުކޮށް އަޅުގަނޑުމެން ސިޓީން އެދިގެންވެސް އަދިވެސް މާލޭ ސިޓީ ކައުންސިލަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި މާލޭގެ ރައްޔިތުންނަށް ޤާނޫނު ތަންފީޒު ކުރުމަށް ފުރުސަތެއް ނުދެއްވާ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ސަރުކާރުގައި އާދޭސް ދަންނަވާތާ 6 މަސްދުވަސް ވެއްޖެ ކަމަށާއި ނަމަވެސް ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށެވެ. އަދި މާލޭ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ނެތް ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އިއްޔެ ނިންމި ނިންމުންތަކަކީވެސް ޤާނޫނީ ލަފާ ހޯދައިގެން ނިންމައިފައިވާ ނިންމުންތަކެއް ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޮތް ދޫކޮށް ކުރާނެކަމެއްނެތި ތިބުމުގެ ބަދަލުގައި ބޭނުންވަނީ ކުރިއަށްދެވޭނެ މަގެއް ހޯދަން.. އަޅުގަނޑުމެންނެއް ދެނެއް ކުޑަކަކޫޖަހާ ފަހަތަށްޖެހި ދުރަކަށް ނުދާނަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.



އެލްޖީއޭގައިވެސް މަޖިލީހުގައިވެސް މިކަމަށް ޙައްލެއް ހޯދައިދިނުމަށް އެދުނު ކަމަށާއި ނަމަވެސް ދީފައިވަނީ ވަރަށް ފިނި ޖަވާބުތަކެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ ސަރުކާރުން މާލޭ ރައްޔިތުން ނިކަމެތި ކުރަމުންދަނީ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީން ޕީޕީއެމަށް ލިބުނު ކާމިޔާބީގެ ސަބަބުން ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން