ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒާއި އިންސާފު އަރާ ހަމަކުރާ ދުވަސް ކައިރިވެއްޖެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ އަކްރަމް މިމޭރުމުން ވިދާޅުވެފައި މިވަނީ މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއް ކައުންސިލަށް ނެގުމަށް ފާސް ކުރުމާއި ގުޅިގެންނެވެ. އޭގެ އިތުރުން ހުޅުމާލެއަކީ މާލޭސިޓީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި އޮންނަ ސަރަޙައްދެއް ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޑރ. މުޢިއްޒަށް ރައްދު ދެއްވަމުން އަކްރަމް މިރޭ ވިދާޅުވީ ޑރ. މުއިއްޒާއި ވަރަށް އަވަހަށް އިންސާފު އަރާ ހަމަކުރާނެކަމަށެވެ. އަކްރަމް ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި ޑރ. މުއިއްޒު ވަޒީރަކަށް ހުންނަވައިގެން ބިންތަކާއި ޕްރޮޖެކްޓްތައް ހިތުހުރި ގޮތަކަށް ހިންގާފައިވާ ކަމަށެވެ. އަދި މިހާރު އަނެއްކާވެސް ބާރެއް ލިބިވަޑައިގެންނެވި ކަމަށް ހިތައި ޤާނޫނާއި ގަވާއިދާ ޚިލާފުވެވަޑައިގަންނަވަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ވަރަށް އަވަހަށް އިންސާފު އަރާ އޭނާއާ ހަމަކުރާނެ." އަކްރަމް ވިދާޅުވެފައިވެއެވެ.



ސިޓީ ކައުންސިލުން ސިޔާސީ ޕާޓީއެއްގެ ޙަރަކާތެއް ހިންގުމަށް ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅުއްވަމުންދާތީ ޤާނޫނީގޮތުން ފުލުހުން ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް މުޢިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުގެ ޖަލްސާއަށް ހިޔާ ފްލެޓް ސަރަޙައްދު ތައްޔާރުކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެޗްޑީސީން ވަނީ ހެވީ ވެހިކަލްސް އެ ސަރަޙައްދުގައި ޕާކްކޮށްފައެވެ. އަދި ފުލުހުންވެސް ވަނީ ޖަލްސާއަށް އެ ސަރަޙައްދު ތައްޔާރު ކުރުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓުވާފައެވެ.

އިދިކޮޅު ޕީޕީއެމުން ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން އުޅުމުން އެ ޖަލްސާ އެޗްޑީސީގެ ހުއްދަ ނެތި ނުބޭއްވޭނެކަން އެކޯޕަރޭޝަނުން ވަނީ އެ ޕާޓީއަށް އަންގާފައެވެ. އެޗްޑީސީން ބުނީ އެ ޖަލްސާ ބޭއްވޭނީ އެޗްޑީސީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ޚިދުމަތްތަކަށް ހުށައަޅާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން