އަހުމަދު މަސްނޫމް   7 ޑިސެމްބަރު 2021 - 16:20
ލޯނެއްގެ ގޮތުގައި މީހެއްގެ އަތުން ދަރަންޏަށް ނެގި ފައިސާތަކެއް އަނބުރާ ނުދެއްކުމުން، އެ ފައިސާ ހޯދުމަށް މާލޭގެ ގެއެއް ނީލަމުގައި ވިއްކާލުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓު މިކަމާއި ގުޅޭގޮތުން ނެރުނު އިއުލާންގައިވާ ގޮތުން ލޯނެއް ނުދައްކައިގެން ނީލަން ކިޔަން ނިންމާފައިވަނީ މ. އެރޯވިލާއިން އާމިނަތު ނަޝީދާއަށް ލިބިފައިވާ 556.6 އަކަފޫޓްގެ ބިމެވެ. މި ގެ ނީލަން ކިޔަން ޖެހުނީ އެ ގޭގެ ވެރިފަރާތުން، އިބްރާހިމް އާމިރު ނަމަކަށް ކިޔާ މީހެއްގެ އަތުން ދަރަންޏަށް ނެގި 4,626,000 ރުފިޔާ އަނބުރާ ނުދެއްކުމުންނެވެ.

މި ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ވަނީ 2016 ވަނަ އަހަރު ހުކުމެއްވެސް ކޮށްފައެވެ. ނަމަވެސް ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައެއް ނުވެއެވެ.

ސިވިލް ކޯޓުގެ އިއުލާންގައިވާ ގޮތުން ނީލަން ފެށޭ އަގަކީ 2,883,219.50 ރުފިޔާއެވެ. ނީލަން ހުށަހަޅަން ޖެހޭނީ ސިޓީއަކުން ސިވިލް ކޯޓަށްކަމަށާއި މާދަމާއިން ފެށިގެން އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ 1:30އާ ހަމައަށް އަގު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް ސިވިލް ކޯޓުން ބުނެފައި ވެއެވެ.

އިއުލާންގައިވާ ގޮތުން ނީލަން ކާމިޔާބުވާ ފަރާތުން ފަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ފައިސާ ދައްކަން ޖެހެއެވެ. އަދި ފައިސާ ނުދައްކައިފިނަމަ އެ ހުށަހެޅުން ބާތިލްކޮށް ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް ދިނުމާ ގުޅޭ ގޮތުން ނުވަތަ ނީލަމަށް އަލުން ހުޅުވާލުމާ މެދު ގޮތެއް ނިންމާނެކަމަށް ސިވިލް ކޯޓުގެ އިއުލާންގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު