ފްރާންސްގެ ފުޓްބޯޅަ މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑް ހަތްވަނަ ފަހަރަށް އާޖެންޓީނާ އަދި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީއަށް ލިބިއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މީގެ ކުރިން މި އެވޯޑް ދެމުން އައީ ފީފާއާ ގުޅިގެންނެވެ.

މި އަހަރުގެ ބަލޮންޑޯ އެވޯޑް މެސީ ހާސިލުކޮށްފައިވާއިރު، މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔަކީވެސް މެސީއެވެ. އެގޮތުން މެސީ ހަތް ފަހަރު ބަލޮންޑޯ އެވޯޑް ހޯދާފައިވާއިރު، ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މި އެވޯޑް ފަސް ފަހަރު ހާސިލުކޮށްފައި ވެއެވެ. މި އަހަރުގެ ކުރިން މެސީ ބަލޮންޑޯ އެވޯޑް ހާސިލުކޮށްފައިވަނީ 2009، 2010، 2011، 2012، 2015 އަދި 2019 ވަނަ އަހަރުއެވެ.

މި ފަހަރުގެ ބަލޮންޑޯ އެވޯޑް މެސީ ހޯދިއިރު، އޭނާ ވަނީ އާޖެންޓީނާއާއެކު މި އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ އާޖެންޓީނާއާއެކު މެސީގެ ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެވެ. އަދި މިފަހަރުގެ ކޮޕާ އެމެރިކާގައި މެސީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މެސީ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ފްރާންސްގެ ޕެރިސްގައި ބޭއްވި ބަލޮންޑޯ އެވޯޑް ދިނުމުގެ ހަފުލާގައި ގިނަ ކުޅުންތެރިން ތަކެއް ވަނީ އެވޯޑް ހާސިލްކޮށްފައެވެ. އެގޮތުން މި ފަހަރުގެ ބަލޮންޑޯ އެވޯޑް ހާސިލުކުރި އަންހެން ފުޓްބޯޅަ ކުޅުންތެރިއަކީ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އަލެކްސިއާ ޕުޓެއްޔަސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން