އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
"އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި މިމަހުގެ 15 ވަނަ ދުވަހު މުހައްމަދު ޔާސީން އީސީއަށް ހުށައެޅުމުން އޭނާއަށް ފޮނުވި ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނޭ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާ ކަމަށެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެ ޕާޓީއަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ނަމަކަށް ވާން ޖެހޭނެ ކަމަށާއި، ނަމަވެސް ޔާސީން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، "އެކުވެރި ސުވަދީބު ޕާޓީ" އަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތް ކުރެވޭ ނަމަކަށް ވާތީ، ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ކަމަށް ނުދެކޭ ކަމަށް އީސީގެ ސިޓީގައި ވެއެވެ.



އެހެން ކަމުން އެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދެވެން ނެތްކަމަށް، ކޮމިޝަނުން ނިންމާފައިވާ ކަމަށް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ސޮއިކުރަށްވާ ޔާސީން އަށް ފޮނުވި ސިޓީގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު