ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް ކުރުން އަންނަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.


ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްސަލައިގައި މިމަހުގެ 30 ވަނަ ދުވަހު ހުކުމް އިއްވާނެކަން އެމަނިކުފާނުގެ ވަކީލުންނަށް އަންގައި ޗިޓް ފޮނުވާފައެވެ.

ސްޕުރީމް ކޯޓުގައި ރައީސް ޔާމިނަށް ހުކުމް ކުރުމުގެ ޝަރީއަތް ފެށުމަށް ތާވަލް ކޮށްފައި ވަނީ އަންގާރަ ދުވަހު ހެނދުނު 09:00 ގައެވެ.

ރައީސް ޔާމިންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ނިއްމާލައިފައިވަނިކޮށް ސުޕްރީމް ކޯޓުގައި މިދިޔަ ހަފްތާގައި ވެސް ވަނީ އެމައްސަލައިގެ ބައެއް ކަންކަން ސާފުކުރުމަށް އަޑުއެހުމެއް ބާއްވާފައެވެ. މިދިޔަ ހަފްތާގެ ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރުމުގެ އަސްލަކަށްވި ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ، ޔާމީނުގެ އެކައުންޓަށް ޖަމާކުރި އެސްއޯއެފް ކުންފުންޏަށް، އެމްއެމްޕީއާރްސީން ފައިސާ ޖަމާކުރިކަމާމެދު ސުވާލު އުފެދިގެން ސްޕްރީމް ކޯޓުގެ ބެންޗުން ވަނީ ދައުލަތާއި ސުވާލުކޮށްފައެވެެ.

އެ ސުވާލަށް ޖަވާބު ދެމުން ދައުލަތުން ބުނެފައިވަނީ ޗެކް ސްލިޕާއި އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާނުވަނީ ލިޔުމުގެ ކުށަކުން ކަމަށެވެ. ލިޔުމުގައި ނަމްބަރު ދިމާނުވި ނަމަވެސް އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ސާބިތުވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ރައީސް ޔާމިނަށް އެ ހުކުމް އިއްވާފައި ވަނީ އެންމެ ފުރަތަމަ އެ މަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގައެވެ. އެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމާއެކުފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިގާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް އެއްކޮށް ބަންދުވެގެންދާނެ ކަން ފާހަގަކޮށްލެވެއެވެެ. ރައީސް ޔާމިންގެ މައްސަލައިގައި ސްޕުރީމް ކޯޓުން ހުކުމް ކުރަން ތާވަލް ކޮށްފައިވާއިރު ވ.އަތޮޅު އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑަރ ކުރި ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލައުންޑަރިންގެ ދައުވާވެސް އިއްޔެ ވަނީ އުފުލާފައެވެ. އެހެންކަމުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގެ މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައެވެ. އޭގެތެރެއިން ސްޕްރީމް ކޯޓުން ހުކުމްކުރަނީ ފުރަތަމަ ދައުވާ އުފުލި މަނީލޯންޑަރިންގެ މައްސަލައިގައެވެެ.

ކިޔުންތެރިންގެ ހިޔާލު