ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.

މިއަދު ހެނދުނު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، މިއީ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު، ޕާޓީގެ އިސް ބޭފުޅުންނާއި އާންމު ރައްޔިތުންނާ ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖައްސަވާފައިވާކަންވެސް ވަނީ ހާމަކުރައްވާފައެވެ.

މި ނިންމެވުމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ގައުމުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ނުކުންނަވަނީ ވަރުގަދަ ޓީމަކާއެކު ކަމަށެވެ. އަދި އާދަމް އާޒިމް ފަދަ ހީވާގި، ނަމޫނާ ލީޑަރު އަރިހުގައި ހުންނެވުމަކީ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ރަނިންމޭޓެއްގެ ގޮތުގައި ފައިސަލްއާއެކު ނުކުންނެވި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފައިސަލްއަކީ ނިމިދިޔަ ސަރުކާރުގައިވެސް ގައުމީ މުހިންމު މަޝްރޫއުތަކާއި ތަރައްގީގެ ކަންކަން މުރާލިކަމާއެކު ގާތުން ބައްލަވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.

އަދި ގައުމަށް ޚިދުމަތް ކުރެއްވުމަށް ފައިސަލް ދެއްވި ދައުވަތު ގަބޫލުކުރައްވައި، ނައިބު ރައީސްގެ ގޮތުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ފުރިހަމައަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ފައިސަލް ނަސީމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި 4 ވަނަ ބޭފުޅާއެވެ.



ކިޔުންތެރިންގެ ހިޔާލު