ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގެ ލެބޯޓަރީގެ ޚިދުމަތް މިއަދު އިފްތިތާޙް ކޮށްފިއެވެ.

މިއަދު ހެނދުނު ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އަޙްމަދު އާދިލެވެ. އަދި ފެށިގެން ދިޔަ ލެބޯޓަރީގެ ޚިދުމަތާއިއެކު އާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ކުރަން ޖެހޭ ދަތުރުތައް ގާތްގަނޑަކަށް ނިމުމަކަށް އަންނާނެއެވެ.

މިވަގުތު ރަށުން ހެދެން ހުރި ޓެސްޓުތަކަށް ބަލާއިރު، ލޭގެ 11 ޓެސްޓް، ހަކުރު ބަލީގެ 3 ޓެސްޓް، ކިޑްނީގެ ތަޙްލީލުގެ 4 ޓެސްޓް، ޗިސްމޭ ތަޙްލީލުގެ 6 ޓެސްޓާއި ހިތުގެ ތަޙްލީލުގެ 4 ޓެސްޓް ހިމެނެއެވެ.

މީގެ އިތުރުން ކަށީގެ ތަޙްލީލުގެ 1 ޓެސްޓް، އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ ތަޙްލީލުގެ 4 ޓެސްޓް، ކުޑަކަމުދާ ތަކެތީގެ ތަޙްލީލުގެ 11 ޓެސްޓް، ބޮޑުކަމުދާ ތަކެތީގެ ތަޙްލީލުގެ 3 ޓެސްޓް، ދިފާއީ ނިޒާމު އަދި ލޭގައި ހިމެނޭ ސިރަމްގެ ތަހުލީލުގެ 8 ޓެސްޓުގެ އިތުރުން ޕްރެގްނެންސީ 2 ޓެސްޓް ހިމެނޭ ގޮތަށް ޖުމްލަ 57 ޓެސްޓެއް ހެދޭނެއެވެ.

މި ފެށޭ ޑިސެންބަރު މަހުގެ ތެރޭގައި ލިޕިޑް ޕްރޮފައިލް ޓެސްޓުގެ ޚިދުމަތް ވެސް ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުން ލިބިގެންދާނެ ކަމަށް މައުލޫމާތު ލިބުފައި ވެއެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ޚާޒިރީންނާއި މުޙާތަބު ކުރައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައިވާ ޞިއްޙީ ޚިދުމަތް ސަރަހައްދީ ފެންވަރެއްގައި ތަރައްޤީކޮށް ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުން ކަމަށެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްޤީ ކުރެވިގެންދާ މަންޒަރަކީ މިކަމުގެ ހެއްކެއް ކަމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި، މިފަދަ ޚިދުމަތެއް ފެށުމުން ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަ ފާހަގަކުރައްވާ، ކުރިޔަށް އޮތްތާ މި ހިދުމަތް ފުޅާކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ހަބަރުވެސް ވަނީ ދެއްވާފައެވެ.

އަދި ކޮވިޑުގެ ދަތި އިޤްތިޞާދީ ޙާލަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ގައުމު އާރާސްތު ކުރެއްވުމުގައި އެ މަނިކުފާނުގެ ހިކްމަތު އަމަލީ ދައްކަވަމުން ގެންދަވާ ކަމަށާއި، މި ދާއިރާއަށް ކުރި ހޭދައަކީ ތަޢުރީފް ޙައްޤު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު