ވިލާ ގުރޫޕާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި، ގާސިމަކީ ސާފު ބޭފުޅެއްކަން އޭސީސީގެ ތަހުގީގުން ހާމަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްޕާސަން އަލީ ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ ދައުލަތުގެ ވިޔަފާރި އެންމެ ބޮޑު ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ގުޅިގެން ކޮރަޕްޝަނުގެ އަމަލެއް ހިންގައި، އެ އަމަލުގެ ތެރެއިން ލިބޭ ފައިސާ ވިލާގެ އެކި ވިޔަފާރިތަކުގައި ބޭނުންކޮށްގެން މަނީލޯންޑާ ކުރަމުން އަންނަ ކަމުގެ ތުހުމަތުތަކެއްކޮށް އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފައެވެ.

އެކަމާ ގުޅިގެން "ރަސްއޮންލައިން" އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ސްޕޯކްޕާސަން އަލީ ސޯލިހް ވިދާޅުވީ، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ވިލާ ކުންފުނީގެ މައްޗަށް ކުރާ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެކަން އޭސީސީގެ ތަހުގީގުން ހާމަވެގެންދާނެ ކަމަށެވެ. ވިލާ ކުންފުނީގެ ބާނީ އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނު ހިންގަވާ އެއްވެސް ތަނެއްގައި ކޮރަޕްޝަނާއި ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް އަމަލެއް ނުހިންގާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ، ގާސިމާއި ވިލާ ކުންފުންޏަށް ކުރާ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތުހުމަތުތައް ތަހުގީގީ އިދާރާތަކުން ބެލުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް ގާސިމާއި އެކުންފުނީގެ ބަހެއް ހޯދުމެއް ނެތި ހަގީގަތާއި ޚިލާފު ދޮގު ތުހުމަތުތަކެއް ބަޔަކު ކުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތަހުގީގީ އިދާރާއަކަށް އެމައްސަލަ ހުށައެޅުން އެއީ ރަނގަޅު ކަމެއް. އަދި ތަހުގީގީ އިދާރާތަކުން އެކަން ނިމިގެންދާއިރު ސާފު ބޭފުޅެއްގެ ގޮތުގައި ގާސިމް ފެނިގެންދާނެ. ގާސިމް އިބްރާހިމް، ހަމަގައިމު ވެސް މަނީލޯންޑަރިންގެ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ހުކުމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް." ދިހަ އަހަރު ދުވަސް ވަންދެން ގާސިމްގެ މަސައްކަތްޕުޅު އެންމެ ގާތުން ފެނިވަޑައިގެންނެވި އެމަނިކުފާނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލީ ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމާއި ވިލާ ކުންފުންޏާއި ގުޅޭގޮތުން އެފަދަ ދޮގު ހަބަރުތައް ބައެއް މީޑިޔާތަކުން ފަތުރަމުންދަނީ ޖުމުހޫރީ ޕާޓީގެ ހަރަކާތްތައް ވަރުގަދަވެ ފުޅާވަމުންދާތީ އެކަން "ހަޖަމް" ނުކުރެވޭ ބަޔަކު ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ ޖުމުހޫރީޕާޓީއާއި އެޕާޓީގެ މެމްބަރުންވެސް ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެެވެ.

"ވިލާ ކުންފުންޏާއި ޖުމުހޫރީ ޕާޓީގެ ކަންތައްތަކެއް ކުރިއަށްދާތީއާއި ދިވެހިރާއްޖޭގެ މަޝްރަހުގައި ޖުމުހޫރީ ޕާޓީގެ މަސައްކަތް ކުރިއަށް ދާތަން ފެނުނީމަ ހަޖަމު ނުކުރެވިގެން އެފަދަ އަމަލުތަށް ކުރާ ފަރާތްތަކުންނާއި އެޚަބަރުތައް ފަތުރާ މީޑިޔާތަކުން ޚަބަރު ފަތުރާގޮތުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން. ޖުމުހޫރީ ޕާޓީއަކުން އެފަދަ ކަމެއް ނުކުރާނެ، ވިލާ ކުންފުނިން ވެސް އެފަދަ އަމަލެއް ނުހިންގާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް." އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް އިތުރަށް ވިދާޅުވީ، ގާސިމާއި ވިލާކުންފުނީގެ މައްސަލަ އޭސީސީއަށް ހުށައަޅާފައިވާއިރު އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވަން ބޭނުންނުވާ ކަމަށެވެ. އެހެންނަމަވެސް ކުރިމަގުގައި ވިލާ ކުންފުނީގެ އަބުރަށް ހުތުރުވާ ގޮތަށް ދޮގު ޚަބަރު ފަތުރާ ފަރާތްތަކާއި ދެކޮޅަށް އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު