އޭނާ ރާއްޖެ ގެންދެވޭނެ ކަމަށާއި ސައްހަ ތަހުގީގާއި ސައްހަ ދައުވާ ކުރުމުން ކޮންމެ ގައުމަކުންވެސް އެ މައްސަލައެއް ބަލާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެެ.

އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު މިހެން ވިދާޅުވީ އިންޓަޕޯލް ނޯޓިސް ނެރުނު ނަމަވެސް އޭނާ ރާއްޖެ ނުގެނެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވުމާއި ގުޅިގެންނެވެެ. އެކަމަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އޭނާ ހުންނެވީ ނިޒާމްގެ ތެރެއިން ޖަވާބުދާރީވެވަޑައިގަންނަވަން ތައްޔާރަށް ކަމަށާއި، އެހެން ނަމަވެސް "ކުޅިކުޅިވަރު" ނުކުޅެވޭނެ ކަމަށެވެ. އަދި "އެނބުރި އަންނާނެ" ކަމަށް ވިދާޅުވާ ވިދާޅުވުން އަލީ ވަހީދު މިއަދު ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.



"އިނގިރޭސިވިލާތުގެ ކޯޓުތައް ހުރީ ހުޅުވިފަ. ރައީސް އޮފީހުން ގުޅާލާފަ، ޖޭ.އެސް.އީ.އިން ގަޅުވާލާފަ މިތަނުގައި ފަނޑިޔާރުގެއަކާ ނުކުޅެވޭނެ. އަވަހަށް ވަޑައިގަންނަވާ." އަލީ ވަހީދު ވިދާޅުވިއެވެ.

ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މީގެކުރިން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކޯޓުގައި އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން ވެސް އަދި ހައިކޯޓުން ވެސް ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށް އޭނާ ކޯޓަށް ހާޒިރުވާން އެންގުމުން ކޯޓަށް ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށްވަނީ ހުކުމް އިއްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދަައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވީ އިންޓަޕޯލުން އަލީ ވަހީދު ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެފައިނުވާ ކަމަށާއި، ރެޑް ނޯޓިސް ނެރުނު ނަމަވެސް އަލީ ވަހީދު ރާއްޖެ ނުގެނެވޭނެ ކަމަށެވެ.

"އިންޓަޕޯލު ރެޑް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ގައުމުގައި އެކި ގޮތްގޮތަށް އެއަށް އަމަލުކުރާ ނޯޓިސްތަކެއް. އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް، އެ މީހަކު ހައްޔަރުކޮށްގެން އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ." ކޮމިޝަނަރު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އޭނާ ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުކޮށް ސީރިއަސް ދައުވާ ތަކެއް އުފުލާފައެވެ. އަލީ ވަހީދަށް ދައުވާ އުފުލާފައިވަނިކޮށް އަޑުބަރޭ ޖާމިނުކޮށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އޭގެ ފަހުން އަލީ ވަހީދު މައްސަލަ ބަލަނީ ކަމަށް ބުނެ ޕީޖީން ވެސް ޝަރުޢީ ނިޒާމުގެ ތެރެއިން ވެސް ޑްރާމާ ކުޅެމުންދާ ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ. ގިނަ ބަޔަކު އެގޮތަށް ބުނަމުން ގެންދަނީ އަލީ ފަހީދާ ޖާމިނުވި މީހާއާމެދުވެސް މިހާތަނަށް ފިޔަވަޅެއް އެޅިފައި ނުވާއިރު އަލީ ފަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މައްސަލައިގައިވެސް ޕީޖީއާއި ކޯޓުތަކުން މާ އާރުލާ ވާހަކަތަކެއް ދައްކަމުން ނުދާ ކަމަށް ބެލެވޭތީއެވެ.



ކިޔުންތެރިންގެ ހިޔާލު