މަސްތުވާތަކެތީގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ކަންކަން ކަމަށާއި ގަސްތުގައި އިޖުރާއަތެއް ފުރިހަމަ ނުކޮށް، ގޯސްކޮށް ފުލުހުން އަމަލުކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

އިޖްރާއަތް ގޯސްވެގެން މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރާ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ކޯޓުމަރުހަލާއިން ދޫވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންމެވެސް އިޖުރާއަތެއް ގޯސްވެގެން ދައުވާ ކުރެވޭ މީހާ ސަލާމަތްވުމަކީ "އިއްތިފާގެއް" ކަމަށެވެ.

ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރަނީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށެވެ. އެހެންކަމުން ގަސްތުގައި ފުލުހުން ގޯހެއް ހަދާފައިނުވާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ފުލުހުން ކުރާ މަސައްކަތެއްކަން ކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ. މަދު ހާލަތްތަކެއްގައި ފުލުހުން ގޯސްކޮށް އަމަލުކުރާ ކަމަށާއި، އެފަދަ ބައެއް މަައްސަލަތަކުގައި ޑުރަގް އެންފޯސްމަންޓްގެ އޮފިސަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ދާދިފަހުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ގއ. ދާންދޫ / މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ މައްސަލާގައި އޭނާގެގެއާއި އޭނާ ގެންގުޅޭ ބައެއް ތަކެތި ފުލުހުން ބަލައި ފާސްކުރިކުރުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ލިސްޓެއް އޭނާއަށް ދީފައިނުވާ ކަމަށްބުނެ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެމައްސަލަ ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު