އަހުމަދު މަސްނޫމް   21 ނޮވެމްބަރު 2021 - 17:52
މާލޭ ޖަލު އަންނަ އަހަރު ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން އެކަން ހާމަކުރީ ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިދާރާ އަދި ކަރެކްޝަންސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ޖާގަނެތް މައްސަލަ ހައްލު ކުރުމަށް 250 ޖާގަ އިތުރުކުރުމަށް ނިއްމައިފައިވާ ކަމަށެވެ. އަދި މާލޭ ޖަލު އަންނަ އަހަރު ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން ނިއްމާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއްކޮށް، ރިމާންޑް އަދި އެހެނިހެން ކުށްވެރިންނަށް ވެސް މިހާރު އިތުރު ޖާގަ ހަދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ މާލޭ ޖަލު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް. މިހާރު ވަނީ އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވުމުގެ ފަހުގެ މަރުހަލާގައި." ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމެނޭ ކަމަށެވެ. އަދި މިއަހަރުގެ ޑިސެންބަރު މަސް ނިމުމުގެ ކުރިން އެޖަލުގައި ކުދިން ބޭތިއްބޭނެ ކަމަށް އިމްރާން ވިދާޅުވިއެެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކ. ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމްކޮށްފައި ހުންނަ ކުޑަކުދިންގެ ޖަލަކީ ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ.

އެޗްއާރުސީއެމުން މީގެ ކުރިން ބުނީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޖަލަކީ، ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ ގާނޫނުތަކުން ކުދިންނަށް ލިބެންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ނުލިބޭ ތަނެއްކަން އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތަނުގައި ތިިބި ކުދީން ރައްކާތެރި މާހައުލަކަށް ބަދަލުކުރަން އެޗްއާރުސީއެމުން އެންގުމުން ގިނަ ކުދިން ގޭބަންދަށް ބަދަލުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު