ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި، އެގެކޮޅު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފިކަމަަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ވަގުތީގޮތުން ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ބޮމުގެ ހަމަލާއަށްފަހުއެވެ. އެގޮތުން މަޖިލިސް ރައީސަށް މ.މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރަށް ވަގުތީ ގެކޮޅުގެ ގޮތުގައި ރެހެންދި ފްލެޓްގެ އެޕާޓްމަންޓެއް ހަމަޖައްސަވަން ނިންމެވިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މަޖިލީހުގެ ރައީސަށް ހާއްސަކުރާ މުރައިދޫގޭގެ މަސައްކަތް އެއްކޮށް ނިންމައި އިއްޔެ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރަސްމީކޮށް ގެކޮޅު ހަވާލުކޮށްފައިނުވާކަމަށެވެ.

މަޖިލިސް ރައީސްގެ ވަގުތީ ގެކޮޅު ހުންނަ މަގުގެ ދެ ފަރާތުގައި ރަތް ރޮނގު ދަމައި ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި އެ ސަރަހައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުން ވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން މުރައިދޫގެ އަށް ގެނައި ބަދަލުތަކާ އެކު ހައި ކޯޓު ކުރިމަތީގައި އޮންނަ ޕާކިންޒޯނުން އެއް ބައި ވަނީ ހުސްކޮށް، މުރައިދޫގޭގެ ވަލު ދޮރާށިން ވެހިކަލް ވަދެ ނުކުމެވޭ ގޮތަށް ވަނީ ހަދައިފައެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަރުވާ ހޯއްދެވުމަށްފަހު މިދިޔަ އޮކްޓޯބަރުމަހު ރާއްޖެ ވަޑައިގެން ހުންނަވަނީ ހޮޓެލް ޖެންގައެވެ. އެތަނުގައި ހުންނެވުމަށް ދުވާލަކަށް 33246 ރުފިޔާ ދައުލަތުން ހަރަދުކުރެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ރެހެންދި ފްލެޓްގައި ހަދާ ވަގުތީ ގެކޮޅުވެސް މާދަމާއަށް ނިންމާލާނެވޭނެކަމަށެވެ.

ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދީފައިވާއިރު، އެ ބޭފުޅުންނަށް ރަސްމީގއކޮޅެއް އިމާރާތް ކުރުމަށް ހަމަޖައްސައި، އެކަމަށް 12 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ ގެކޮޅު ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގައި އިމާރާތްކުރާއިރު، އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އަޅަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގައެވެ. އަދި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަނީ ރައްޔިތުންގެ ފައިސާއިންނެވެ.



ކިޔުންތެރިންގެ ހިޔާލު