ފުލުހުންގެ އިހުމާލުން އަނެއްކާވެސް މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމަށްބުނާ ބޮޑަކު ސަލާމަތްވެއްޖެއެވެ.

މިފަހަރު ފުލުހުންގެ އަތްދަށުން ސަލާމަތްވެފައިވަނީ ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދެވެ. އޭނާގެ މައްޗަށް ދައުވާކުރީ، އޭނާ ޑްރަގް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާ މަގުމަތިން ހުއްޓުވައި ސައިކަލު ފާސްކުރުމުގެ ތެރޭގައި ޑްރަގް ފެނުމުންނާއި އޭނާގެ ގެ ބަލައި ފާސްކުރިއިރު އެ ގެއިން ވެސް ޑްރަގް ފެނުމުންނެވެ.

ބަލާ ފާސްކުރިއިރު ގާތްގަނޑަކަށް 135 ގްރާމުގެ ޑްރަގް ފެނުނެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުމުގެ މަރުހަލާގައި ދައުވާ ރައްދުވާ ފަރާތުން ވަނީ އޭނާގެ ސައިކަލާއި ގެ ބަލައި ފާސްކުރި އިރު ފުލުހުން ގެންދިޔަ ތަކެތީގެ ލިސްޓެއް އޭނާއަށް ނުދޭ ކަމަށް ބުނެފައެވެ. އަދި އެފަދަ ލިސްޓެއް ފުލުހުން އެކުލަވާލާފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ގާޒީ ހަސަން ސައީދު މިދިޔަ އަންގާރަ ދުވަހު ކުރެއްވި ހުކުމުގައި ފާހަގަކުރެއްވީ ކޯޓު އަމުރުގެ ދަށުން ތަންތަން ބަލައި ފާސްކުރާއިރު އެތަންތަނުން ނެގޭ ތަކެތީގެ އިންވެންޓްރީއެއް، އެ ތަކެތީގެ ވެރިފަރާތް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތެއްގެ ހާޒިރުގައި އެކުލަވާލަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެވެ. އަދި އެ މީހާއަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތަކަށް އެ އިންވެންޓްރީގެ ކޮޕީއެއް ދޭން ވާނެ ކަމަށް އޮންނަ ކަމަށެވެ.

ހުކުމްގައި ވަނީ އެފަދަ އިންވެންޓްރީއެއް އެކުލަވާލައި ދައުވާ ލިބޭ ފަރާތަށް ދީފައި ނުވާތީ އެއީ އިޖުރާއަތާ ހިލާފަށް ކުރި ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެ ހުކުމުގައި ވަނީ ބަލައި ފާސްކުރުމުގައި އަމަލުކުރަން ގާނޫނަކުން ލާޒިމުކޮށްފައިވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލައިފި ނަމަ ބަލައި ފާސްކުރުން ސައްހަ ނުވާނެ ކަމަށެވެ.

މިމައްސަލަ ސާބިތުވިނަމަ ދައުވާ ރައްދުވި މީހާގެ މައްޗަށް އުމުރު ދުވަހަށް ޖަލަށް ލުމާއެކު 100،000ރ. އާއި 10،000،000ރ. އާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާގެ ހުކުމެއް އަންނާނެއެވެ.

ޑްރަގް ގެ މައްސަލަތަކުގައި ފުލުހުން މީހުން ހިފާ ހައްޔަރުކޮށް ރެއިޑް ކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ހަމަނުކުރާތީ ޝަރުޢީ މަރުހަލާއިން ދޫވާ މިފަދަ މީހުން މިފަހަކަށް އައިސް އިތުރުވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު