ގުރުއާނާ ބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އެ އިލްމުގެ ދާއިރާ ފުޅާކުރެވިގެން ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، ގުރުއާނާބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ މި އިލްމުގެ ދާއިރާ ފުޅާ ކުރެވިގެން ކަމަށެވެ. އެގޮތުން މިހާރު ހަމައެކަނި ގުރުއާން ޓީޗަރުންނާއި ހާފިޒުންނާއި އަދި އިމާމުން އުފެއްދުމަށް ވުރެ، ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ދައުރު ވެސް މިހާރު މާ ބޮޑަށް ފުޅާކުރަން ވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން ގުރުއާނާބެހޭ މަރުކަޒު މިހާރަށްވުރެ ކުރިއަރުވައި، ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.



މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ދިރިއުޅޭ ރަށުން ބޭރުގައި ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް އަންނަ އަހަރު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. ޤުރްއާނުގެ ޢިލްމު، ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް، ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ، ކީރިތި ގުރުއާނަކީ ހަމައެކަނި ރީތި ރާގުރާގަށް ކިޔަވައި ހިތުދަސްކުރަން އޮތް ފޮތެއް ނޫންކަމަށެވެ. އަދި ގުރްއާނުން ހިފޭނެ އެއަށްވުރެ މާ ގިނަ ބޭނުންތައް ހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ގުރްއާނުގެ އަހްލާގުން ހައްލު ލިބެން އެބަހުރި ކަމަށެވެ.

"އެ ބޭނުންތައް އަޅުގަނޑުމެންނަށް ހިފޭނީ އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުމުގައި ކީރިތި ގުރްއާން ތަންފީޒުކުރަން ދަސްކޮށްގެން. އެއީ ކީރިތި ގުރްއާނުގެ އަހްލާގު އުނގެނި ދަސްކުރުން." ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު