ލ.ގަމުގައި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން ހައުސިން ޕްރޮގުރާމެއް ފައްޓަވާނެކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ ގަމު ކައުންސިލާއި މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގަމު ދާއިރާގެ މެމްބަރު މުހަންމަދު ވިސާމް ވިދާޅުވީ، ގަމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހައުސިން ޕްރޮގުރާމެއް ފައްޓަވާނެ ކަމަށް ރައީސް ސާލިޙު އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ލ. ގަމު ކައުންސިލާއި ބައްދަލުކުރައްވައި، ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ތަރައްޤީގެ ވިސްނުން އޮޅުންފިލުއްވާފައިވާ ކަމަށެެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ސަރުކާރުން ގަމުގައި ހިންގުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުން ފަދަ ބިޔަ މަޝްރޫޢުތައް ހިންގަން ނިންމުމަކީ ސަރުކާރުން ގަމުގެ ތަރައްޤީއަށް ދޭ އަހައްމިއްޔަތުކަން ހާމަވާކަމެއްކަމަށް ވިދާޅުވެ ޝުކުރުވެރިކަމާއެކު އެކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކޮށްފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ގިނަ މަޝްރޫޢުތަކެއް ބަޖެޓްކޮށްފައިވާއިރު މި މަޝްރޫޢުތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ވަނީ ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ރަށުގައި ހިންގަންކަމަށާއި، މަގުހެދުމުގެ މަޝްރޫޢާއި، ގިރާ ސަރަޙައްދު ޙިމާޔާތްކުރުމާއި، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮއްދެއްވުމަށާއި، ރަށުގެ ޞިއްޙީ ޚިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ޤާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަޙައްދުތައް ތަރައްޤީކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙު ވަނީ ރަށުގައި ހިންގާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކަންސިލަރުންނާ ހިއްސާކުރައްވާފައެވެ. އަދި އަންނަ އަހަރު ކެންސަރ ހޮސްޕިޓަލާއި، ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ރަށުގައި އެނޫންވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެކަމަށާއި، މީގެ އިތުރުން ވެސް ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު