އަހުމަދު މަސްނޫމް   20 ނޮވެމްބަރު 2021 - 10:49
ދިވެހިރާއްޖެ، އިންޑިއާ އަދި ލަންކާ ގުޅިގެން ބާއްވާ އަސްކަރީ އެކްސަސައިޒް "ދޯސްތީ" ފަށައިފިއެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ ޓްރައިލެޓަރެލް ޖޮއިންޓް އެކްސަސައިޒްއެކެވެ. މި އެކްސަސައިޒް މިއަދުގެން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެމްއެންޑީއެފުން ބުނީ މި އެކްސަސައިޒުގައި ބައިވެރިވުމަށް އިންޑިއާ ކޯސްޓުގާޑް-އައިސީޖީއެސް ވަޖްރާއާއި އައިސީޖީއެސް އަޕޫރްވާގެ އިތުރުން ލަންކާގެ ކޯސްޓްގާޑުގެ އެސްއެލްސީޖީއެސް - ސުރަކްޝާ ވަނީ ރާއްޖެ އައިސްފައިކަމަށެވެ. ނަމަވެސް ތަމްރީންތައް ކުރިއަށްދާތަނެއް، ނުވަތަ ތަމްރީންތަކާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އެމްއެންޑީއެފަކުން ހިއްސާއެއްނުކުރެއެވެ.



އެކްސަސައިޒް ދޯސްތީއަކީ މީގެ 30 އަހަރު ކުރިން 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއްއަހަރު އިންޑިއާއާއި ރާއްޖޭގެ ކޯސްޓްގާޑް ގުޅިގެން ސިލްސިލާކޮށް ހިންގާ ތަމްރީންތަކެކެވެ. މިއަހަރަކީ "ދޯސްތީ" އެކްސަސައިޒަށް 30 އަހަރު ފުރޭ އަހެރެވެ. އަދި މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު