ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރުގައި ތިން އަހަރުން ކުރި މަސައްކަތް ރައީސް ޔާމިންގެ ވެރިކަމުގެ ތިން އަހަރުގައި ނުކުރެވޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް ރޮޒައިނާ އާދަމް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރުގެ ތިން އަހަރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅިގެން "ރަސް އޮންލައިން" ގައި ޝާއިއުކުރި ރިޕޯޓެއް ޓުވީޓާގައި ހިއްސާކުރައްވަމުންނެވެ.

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ސަރުކާރުގެ ކާމިޔާބީއާއި އަޅާ ކިޔަންވާނީ ސަރުކާރުގެ މުއްދަތަށް ބަލައިގެން ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި މަސައްކަތް ކުރެވުނު ވަރަށް ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި މަސައްކަތް ކުރެވިފައިނުވާ ކަމަށާއި، އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



"މިކަން ކުރީ ކޮވިޑުގެ ގޮންޖެހުންތަކާއި ވެސް އެކުކަން، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް." ސަރުކާރަށް ތައުރީފް ކުރައްވަމުން ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، އޭނާ ތަމްސީލް ކުރައްވާ މީދޫ ދާއިރާގެ ތާރިޚުގައި ވެސް އެދާއިރާއަށް އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފަައިވަނީ ރައީސް ޞާލިޙުގެ މިހިނގާ ދިޔަ ތިން އަހަރުގެ ވެރިކަމުގައި ކަމަށެވެ. އެކަމަށްޓަކައި ރޮޒައިނާ ވަނީ ރައީސް ސާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.





ރައީސް ޞާލިޙު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ރައީސް ޞާލިޙުގެ ވެރިކަމުގައި ބާކީ އޮތީ ދެ އަހަރު ދުވަހެެވެ. ސަރުކާރުން ބުނަނީ މިމުއްދަތުގެ ތެރޭގައި އެމަނިކުފާނުގެ ވަޢުދުތައް ފުއްދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު