އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ
ވ. ފުލިދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ބިން ހަމަޖެހިފައި ނެތުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މިހެން ވިދާޅުވީ، ފުލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޟުލް ރަޝީދު، މިކަމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ފުލިދޫ ސްކޫލްގައި މަލްޓި-ޕާޕަސް ހޯލު އަޅާނެ ބިމެއް ސްކޫލް ގޯތިތެރޭގައި މިވަގުތު ނެތް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މަލްޓި-ޕާޕަސް ހޯލު އަޅަން ޕްރޮޕޯޒް ކޮށްފައި ވަނީ ބައު ހޯލާއި، އޭވީ ރޫމް ހުރި ތަނުގައި ކަމަށާއި، އެ ހޯލު އެޅެން އޮތީ އެތަން ތަޅާލައިގެން ކަމަށެވެ. މިވަގުތު ފުލިދޫ ސްކޫލުގައި ހުރީ އެނެްމެ 4 ކްލާސްރޫމް ކަމުން ބައެއް ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދަނީ މަލްޓި ގްރޭޑްކޮށްކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މޮނޮގްރޭޑްކޮށް ކިޔަވައި ދިނުމަށް އެ ސްކޫލަށް އިތުރު 8 ކްލާސްރޫމް ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ހުރި ހޯލް އިމާރާތް ތަޅާލުމަށްފަހު މަލްޓި-ޕާޕަސް ހޯލް އަޅައިފިނަމަ ކުދިން ކިޔަވާނެ ޖާގައެއް ސްކޫލްގައި ނޯންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހޯލް އެޅުމަށް ސްކޫލުގެ އުތުރަށް އޮތް ބިމުން 80 ފޫޓާއި 100 ފޫޓުގެ ބިމެއް ހަމަޖެހިއްޖެނަމަ ހޯލުގެ މަސައްކަތް ކުރިއަށްގެންދަން ފަސޭހަވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެކަން މިހާރު ކައުންސިލާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން