މަސްތުވާތަކެތީގެ މައްސަލައެއްގައި ދަރިފުޅު އާރްޔަން ޚާން ހައްޔަރު ކުރުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ފިލްމީ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލި މަޝްހޫރު ބޮލީވުޑްގެ އެކްޓަރ ޝާހްރުކް ޚާން އަންނަ މަހުގެ ތެރޭގައި އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ކްރޫޒް ލައިނާއެއް ރެއިޑްކޮށް މަސްތުވާތަކެއްޗާއެކު ޕާޓީކުރަމުން ދިޔަ ބައެއް ހައްޔަރު ކުރިއިރު، މި މައްސަލައިގައި ޝާހުގެ ދަރިފުޅު އާރްޔަން ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މިމައްސަލައިގައި 28 ދުވަހު އާރްޔަން ތަހުގީގަށް ޖަލުގައި ބަންދުގައި ބެހެއްޓިއެވެ. އާރްުޔަން ކަފާލާތުގެ ދަށުން ދޫކޮށްލީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެގޮތުން އިންޑިއާގައި ކުލަގަދަކޮށް ފާހަގަކުރާ ދިވާލީ އީދާ ދިމާކޮށް އާރަޔަން ދޫކޮށްލުމުން ޝާހްރުކްގެ އާއިލާ އިން ވަނީ އެކުގައި ދިވާލީ ފާހަގަ ކުރަން ނިންމާފައެވެ. އަދި މި މަހުގެ 13 ވަނަ ދުވަހަކީ އާރިއަންގެ 24 ވަނަ އުފަން ދުވަހަށް ވާތީ، އެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަ ކުރާން އާއިލާ އިން ވަނީ ނިންމާފައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނީ މި މަސް އެއްކޮށް ޝާހްރުކް ހޭދަ ކުރާނީ އާއިލާއާ އެކުގައި ކަމަށެވެ. އަދި އެއަށްފަހު މަސައްކަތް ފަށައި ފުރަތަމަ ނިންމާނީ ނުނިމި ހުރި ފިލްމުތަކުގެ މަސައްކަތްތައް ކަމަށްވެސް މީޑިއާތަކުން ބުނެފައި ވެއެވެ. ދަރިފުޅުގެ މައްސަލައިގައި މަސައްކަތް މެދުކަނޑާލިއިރު ޝާހު މަސައްކަތް ފަށާފައިވާ ދެ ފިލްމެއް ވެއެވެ. އެއީ "ޕަތާން" އާއި އޮގަސްޓް މަހުގެ ފަހުކޮޅު ޝޫޓިން ފެށި ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ލަޔަން" އެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި އިންޑިއާގެ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ޝާހްރުކް އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ އިރެއް ނޭނގޭތީ އެޓްލީގެ ފިލްމުގެ ބަތަލާ ނަޔަންތަޔާ މިހާރު ވަނީ ފިލްމުން ވަކިވެފައިކަމަށެވެ.

އާރްޔަން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމާއި ގުޅިގެން ޝާހްރުކަށް ވަނީ ވަރަށް ބަނަ އަނދިރި ދުވަސްތަކަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން މިދިޔަ މަހު އޭނާ ފިލްމީ މަސައްކަތްތަކާ ވަގުތީގޮތުން ދުރަށް ޖެހިލާފައިވަނީ "ޕަތާން" ގެ ޝޫޓިން އަށް ސްޕެއިނަށް ދާން ހުރިހާ ކަމެއް ތައްޔާރުވެފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން