ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކް ކުންފުނި ރީބްރޭންޑްކޮށް ކުންފުނީގެ އައު ނަމަކަށް "މެޓާ" ކިޔަން ނިންމައިފިއެވެ.

ފޭސްބުކުން ރޭ ބޭއްވި ހަރަކާތެއްގައި ކުންފުނީގެ ނަމަކަށް މެޓާ ކިޔަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ މާކް ޒުކަބާގް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މި އިވެންޓްގައި ވާހަކަދައްކަމުން ޒުކަބާގް ބުނީ ކުންފުނި ރީބްރޭންޑް ކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ކުންފުންޏަކީ ހަމައެކަނި ސޯޝަލް މީޑިއާ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުން ކަމަށެވެ.

މީގެއިތުރުން، ޒުކަބާގް ބުނެފައިވަނީ "ފޭސްބުކް" ކުންފުނީގެ އަސްލު ބޭނުމަކީ އެކަކު އަނެކަކާއި ގުޅުވައިދިނުމުގެ މަސައްކަތް ކުރުން ކަމަށްވާތީ އެކަމަށް އެންމެ އެކަށޭނެ ނަމަކީ މެޓާ ކަމުގައި ދެކޭ ކަމަށެވެ. އަދި "ފޭސްބުކް" މި ނަމުން އެ ކުންފުނީގެ އަސްލު މަސައްކަތް އާންމުންނަށް ބުނެނުދެވޭ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ފޭސްބުކް ކުންފުނީގެ ނަން މެޓާއަށް ބަދަލުކުރަން ނިންމި ނަމަވެސް ފޭސްބުކް އެޕްގެ ނަން މެޓާއަށް ބަދަލުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ޒުކަބާގް ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި ކުންފުނީގެ ދުވެލި ބާރުވެ، އިތުރަށް ފުޅާ ވެގެންދާނެ ކަމަށާއި، އެގޮތުން ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ދިހަ ބިލިއަން ޑޮލަރުގެ ޑިޖިޓަލް މާހައުލެއް ވެބްސައިޓް ބޭނުން ކުރާ މީހުންނަށް ގާއިމް ކޮށްދިނުމަށް ބޭނުންވާ ޓެކްނޮލޮޖީ ތަރައްގީކުރުމަށް ހޭދަކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން