ހިޔާާ ފްލެޓްތައް | ރަސް ފޮޓޯ: ޝާޙް
ހިޔާާ ފްލެޓްތައް | ރަސް ފޮޓޯ: ޝާޙް
ހިޔާ ފްލެޓުގެ ސަބަބުން ދަޢުލަތަށް ގެއްލުންވާ މައްސަލަ މަޖިލީހަށް ހުށައަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހަޅުއްވައިފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.

މި މައްސަލައިގައި ބުނެފައިވަނީ ހިޔާ މަޝްރޫއު ހިންގުމުގައި ދަޢުލަތަށް ބޮޑު ގެއްލުމެއް ވާގޮތަށް ޢަމަލުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުން ހާމަވާކަމަށެވެ. އޭގެ އިތުރުން ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމުގައި މަކަރާއި ހީލަތާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާތް މީހުންނަށް ނާޖާއިޒް ފައިދާ ހޯދައި ދީފައިވާ ކަމަށް މައްސަލާގައި ވެއެވެ.

އަދި ހިޔާ މަޝްރޫއުގެ ތެރެއިން ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމާމެދު ސުވާލު އުފައްދާނެ ތަނެއް ނެތް ކަމަށް ކަނޑައެޅިފައިވާ ކަމަށްވެސް މައްސަލާގައި ބުނެފައި ވެއެވެ. މީގެއިތުރުން ދިވެހި ދައުލަތާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ސީދާ ގެއްލުންވާ ގޮތަށް އަމަލުކޮށް، ހިންގާފައިވާ ކަންކަން ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް މައްސަލާގައިވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން ހިޔާ މަޝްރޫއު ހިންގުމުގައި އިސްކޮށް ތިބި މީހުންނަށް ފިޔަވަޅު އެޅުމަށާއި، ފްލެޓްގެ ކުލި ރައްޔިތުންނަށް އޮޅުވާލައި ކުލީގެ ސައްޙަ މަޢުލޫމާތު ސަރުކާރުން ހާމަކުރުމުން، ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެއްދުމަށް ބަޔަކު ކޮށްފައިވާ މަސައްކަތް ބެލުމަށް ވެސް މައްސަލާގައި ގޮވާލާފައިވެއެވެ.

މިއަދުގެ ޖަލްސާގައި 32 މެންބަރުންގެ ވޯޓާއެކު މި މައްސަލަ ވަނީ މަޖިލީހަށް ބަލައިގެންފައެވެ.

ހިޔާ ފްލެޓްގެ އަގާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ވާގޮތުން ކުރީގެ ސަރުކާރުން ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ކަނޑައެޅި އަގަށް ފްލެޓްގެ ކުލި މިސަރުކާރުން ކަނޑައެޅިނަމަ އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ވަރަށް ބޮޑުވާނެއެވެ. މި ރިޕޯޓުގައިވާ ގޮތުން 6600 ރުފިޔާއާއި 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފައްސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެއެވެ.

މިމައްސަލައިގައި ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓްގެ އަގުބޮޑުވެ، ދައުލަތަށް ގެއްލުން ބޮޑުވީ މި ސަރުކާރުގެ ސަބަބުންކަމަށެވެ. މިކަމާއި ގުޅޭގޮތުން ރަސް އޮންލައިނުން ސުވާލު ދެންނެވުމުން މުއިއްޒު ފޮނުއްވާފައިވާ ތަފުސީލީ މައުލޫމާތުތައް ހިމެނޭ ލިޔުންތަކުގައިވާ ގޮތުން ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ އަގު ހަދާފައިވަނީ ފިނިޝިންވެސް ހިމެނޭގޮތަށް އަދި އެޗްޑީސީއަށް ފައިދާވެސް ވާނެ ގޮތަށެވެ. އޭގެ ބަދަލުގައި މި ސަރުކާރުން 4 ޕަސެންޓުގައި ހުރި ލޯނުގެ އިންޓްރެސްޓް 7 ޕަސެންޓުގައި ޖަހައިގެން ކުލި ބޮޑުކޮށްފައިވާކަމަށް މުއިއްޒު ހިއްސާކުރެއްވި ލިޔެކިޔުންތަކުން އެނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން