ހެޓްރިކް ހެދުމަށްފަހު ލިވަރޕޫލްގެ ތަރި ސަލާހު އުފާފާޅުކުރަނީ
ހެޓްރިކް ހެދުމަށްފަހު ލިވަރޕޫލްގެ ތަރި ސަލާހު އުފާފާޅުކުރަނީ
އިނިގިރޭސިވިލާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަރޕޫލް ބައްދަލުކުރި މެޗް 5-0 ގެ ނަތީޖާއަކުން ލިވަރޕޫލް ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ގެ އޯލްޑްޓްރެފޯޑް ގައި މިރޭ ކުޅުނު މެޗްގެ 4 ވަނަ މިނެޓްގައި ލިވަރޕޫލުން ލީޑް ނެގީ އެޓީމްގެ ތަރި މުޙައްމަދު ސަލާހު ގެ މޮޅުޕާހަކުން ނެބީ ކެއިޓާއެވެ. ލިވަރޕޫލުން މި މެޗްގައި ޖެހި ދެވަނަ ލަނޑު ޖެހީ އެލެކްޒެންޑަރ އާނޯލްޑްގެ އެހީތެރިކަމާއެކު ޑިއޭގޯ ޖޯޓާ މެޗްގެ 12 ވަނަ މިނެޓްގައެވެ.

ދެ ލަނޑުގެ ލީޑެއް ލިވަރޕޫލެއް ނެގުމާއެކު މެންޗެސްޓަރ ޔުނައިޓެޑުން ކުރިޔަށް ޖެހިގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތަށް އިތުރު ހުރަސްތަށް ކުރިމަތިވީ މެޗްގެ 37 ވަނަ މިނެޓް ގައި ލިވަރޕޫލުން މެޗްގެ 3 ވަނަ ލަނޑު ޖެހުމުންނެވެ. މި ލަނޑު ލިވަރޕޫލަށް ޖަހަައިދިނީ މި ސީޒަންގައި ތަފާތު މޮޅުކުޅުމެއް ދައްކަމުން އަންނަ މުޙައްމަދު ޞަލާހުއެވެ. މެޗްގައި ލިވަރޕޫލުން ޖެހި 4 ވަނަ ލަނޑުޖެހީވެސް މުޙައްމަދު ސަލާޙުއެވެ. މި ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 4-0 ގެ ނަތީޖާއިން ލިވަރޕޫލް ކުރީގައި އޮވެގެންނެވެ.

މެޗްގެ ދެވަނަ ހާފު ކުޅުންފެށިތާ 4 މިނެޓް ތެރޭގައި ލިވަރޕޫލް ގެ ތަރި މުޙައްމަދު ޞަލާހު ވަނީ މި މެޗްގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމު 5 އަހަރު ހޯދައިފައިވާ ރޮނާލްޑޯ މެޗްގެ 53 ވަނަ މިނެޓްގައި މެންޗެސްޓަރ ޔުނައިޓެޑަށް ލަނޑެއް ޖަހައިދިން ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެލަނޑު ވަނީ ކެންސަލްކޮށްފައެވެ. މި މެޗްގައި މެންޗެސްޓަރ ޔުނައިޓެޑަށް އިތުރު މައްސަލައެއް ކުރިމަތިވީ ދެވަނަ ހާފްގައި ކުޅެންނިކުތް ޕައުލް ޕޮގްބާއަށް 60 ވަނަ މިނެޓްގައި ރަތްކާޑު ދެއްކުމުންނެވެ.

ޕްރެމިއަރ ލީގް ގައި މި ދެ ޓީމުންވެސް ޖުމުލަ 9 މެޗް ކުޅެފައިވާއިރު ލިވަރޕޫލް އޮތީ ޕްރެމިއަރ ލީގް ގެ ޕޮއިންޓް ތާވަލުގެ 2 ވަނައިގާ 21 ޕޮއިންޓާ އެކުގައެވެ. ކުޅުނު 9 މެޗް އިން ލިބުނު 14 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑް އޮތީ ތާވަލުގެ 7 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން