ފޮޓޯ: އިމޭޖްސްއެމްވީ
ފޮޓޯ: އިމޭޖްސްއެމްވީ
މިއުޅެނީ ފުޓުބޯޅަ ފޯރިނަގަން ކަމަށާއި ނާޗަރަންގީ ކުޅެން ނޫން ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ފާޑުކިޔުންތެރިންނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މިނިސްޓަރ މަހުލޫފް މިމޭރުމުން ވިދާޅުވެފައިމިވަނީ، ސާފް ޗެމްޕިއަންޝިޕްގެ ފޯރި ގަދަ ކުރުމަށް ޔޫތު މިނިސްޓްރީން ކާނިވާ ސަރަޙައްދުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން ފާޅުކުރަމުންދާ ޚިޔާލުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މަޙްލޫފް ވިދާޅުވީ، މިރޭ ބޮޑު ސްކްރީންގައި މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރުކަމަށާއި މިއުޅެނީ ނާޗަރަންގީ ކުޅެން ނޫން ކަމަށެވެ.

"މިރޭ ބޮޑު ސްކްރީންގައި މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރެވެ. އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ، ނާޗަރަންގީ ކުޅޭކަށްނޫނެވެ. ދަނޑުގަ ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށެވެ." މަހްލޫފް ވިދާޅުވިއެވެ.



ސާފް ޗެމްޕިއަންޝިޕްގެ ފޯރީގައި ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫތު މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލް އަދި އެފްއޭއެމް ގުޅިގެން މިއަދު ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުން އަދި މިޔުޒިކް ޝޯ ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އަދި މިރޭ އިންޑިއާއާ ބައްދަލުކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާއި ހަމައަށް ކޮންމެ ރެޔަކު މިއުޒިކް ޝޯ ބާއްވާނެކަމަށްވެސް މަހްލޫފް ވަނީ ކުރިން ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެކަމަށެވެ. އަދި ސިޓީ ކައުންސިލުން އިސްނަގައިގެން ރޭވީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއްތަނެއްގައި ތިބެގެން މެޗް ބަލާލާނެ އިންތިޒާމެއް ހަމަޖެއްސުމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެއާއި އިންޑިއާ ކުޅޭ މެޗަކީ ފައިނަލަށް ދިއުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. މިރޭގެ މެޗު އެއްވަރުކޮށްގެން ރާއްޖެއަށް ފައިނަލްގެ ފުރުސަތު ހުޅުވިފައިވާއިރު އިންޑިއާ ފައިނަލަށް ދާނީ ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން