މުހައްމަދު އަސްލަމް: މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންޕްރާސްޓްރަކްޗަރ
މުހައްމަދު އަސްލަމް: މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންޕްރާސްޓްރަކްޗަރ
އަތޮޅުތަކުގެ ރަށްތަކުގެ ރައްޔިތުންނަށް މާލެއިން ބިމާއި ގޯތި ލިބޭ ފަދައިން މާލޭގެ ރައްޔިތުންނަށްވެސް ރާއްޖޭގެ ރަށްތަކުން ބިން ލިބޭނެ އިންތިޒާމެއް ހަމަޖެހެން ޖެހޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިނގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖީލީހުގެ ޖަލްސާގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މެމްބަރު ވަނީ އަތޮޅުތަކުގެ ރަށްރަށުން މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބޭތީ އެކަމުގައި އޮތް މަގަކީ ކޮބައިތޯ އައްސަވާފައެވެ. މެމްބަރުގެ މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލެ ތަރައްގީވެ ކުރިއަރާފައިވަނީ އަތޮޅު ތެރޭގެ ރައްޔިތުން މާލެ އައިސް މާލެ ތަރައްގީކުރުމަށް ކުރި ބުރަ މަސައްކަތުން ކަމަށާއި، ހަމަ އެފަދައިން މާލޭގެ ރައްޔިތުންނަށްވެސް އަތޮޅު ތެރޭގެ ރަށްތަކުގައި ވަޒަންވެރިވެ، ބިން ލިބޭނެ ގޮތެއް ނެތުމަކީ އޮތް ކަންބޮޑުވުމެއް ކަމަށެވެ.

މިއީ ތަރއްގީވެފައިވާ ޒަމާނެއްކަމަށާއި، އެހެންކަމުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެމީހަކު ބޭނުން ތަނެއްގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބެން ވާނެކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޤާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ރާއްޖޭގެ އެއްވެސް ރަށަކުން ގޯތި ލިބުމަށާއި، ދިރިއުޅުމަށް މަނާ ނުކުރާކަމަށާއި، މިކަމަށް ކައުންސިލްތަކުން އެއްބާރުލުން ދޭތަން ނުފެންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ކަމަށެވެ.

މާލެއިން ލިބިފައިވާ ބިން ދޫކޮށްލުމުން ފުލެޓެއް ނުވަތަ ގޯއްޗެއް ދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން ހިންގާ ޕްރޮގުރާމުގެ ދަށުން ދޫކުރާނީ 1،200 ގޯތިކަމަށް މިއަދުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގެވި ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ގޯތި ދޫކޮށްލި ބައެއް ފަރާތްތަކަށް ގޯތި ދޫނުކުރެވި ހުރިކަމަށާއި، މިހާރު އެ މަސައްކަތުގައި އޭނާއަށް ކުރެއްވޭނެ ކަމެއް ނެތްކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ މިހާރު އެމަސައްކަތް ކުރެވޭނީ ގާނޫނީ އިދާރާތަކުން ކަނޑައަޅާ ހަމަތަކުގެ ތެރެއިން ކަމަށް ވާތީ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ވެށި ފަހި މާލެ ޕްރޮގްރާމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން