ލޯކަލް ކައުންސިލެއްގެ ބާރުގެ ތެރޭގައި ހިމެނޭ ބިމެއް، މުދަލެއް ނޫނީ އިމާރާތެއް ސަރުކާރުގެ އެއްވެސް ބޭނުމަކަށް ނަގާނަމަ ބަދަލު ދޭނެ އުސޫލެއް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އާންމުކޮށްފިއެވެ.

"ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލު" ބުނާ ގޮތުން ސަރުކާރުގެ ބޭނުމަށް ސިޓީ ކައުންސިލެއް ނޫނީ ރަށު ކައުންސިލެއް ނޫނީ އަތޮޅު ކައުންސިލެއްގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ތަނެއް ނޫނީ މުދަލެއް ނަގާނަމަ އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ މުދަލެއް ނޫނީ ތަނެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނަގަން ޖެހޭނީ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެގެންކަމަށްވެސް އުސޫލުގައިވެއެވެ.

މި އެއްބަސްވުމުގައި ކައުންސިލަށް ލިބެން ޖެހޭ ބަދަލާއި، އެ ފައިސާ ލިބެން ޖެހޭ މުއްދަތާއި، ފައިސާ އަދާކުރާނެ ގޮތުގެ ތަފުސީލުތައްވެއެވެ. އަދި މި ބަދަލުގެ އަދަދު ކަނޑައަޅަނީ ސަރުކާރުގެ އިދާރާ އާއި ކައުންސިލުން އެއްބަސްވާ މިނިވަން އޮޓިޑަރަކު މުދަލުގެ އަގުކުރުމަށްފަހުއެވެ.

އަގުކޮށް ނިމުމުން އުސޫލުގައި ބަޔާންކުރާ ތިން ގޮތުގެ ތެރެއިން ކޮންމެވެސް އެއް ގޮތަކަށް އަގު ކަނޑައަޅައިގެން ބަދަލު ދޭން އެއްބަސްވާންޖެހެއެވެ.

ބަދަލުގެ ގޮތުގައި އަގު ކަނޑައެޅޭ ގޮތްތަކަކީ ބާޒާރުގެ އަގު، ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓް އަގު، ނަގާ ތަން ނުވަތަ މުދަލުގެ ބަދަލުގައި އެފަދަ ތަނެއް އަޅަން ނޫނީ މުދަލެއް ހޯދަން ހިނގާ ހަރަދެވެ.

މައި ސަރުކާރުގެ އިދާރާއަކާއި ކައުންސިލަކާ ދެމެދު އެއްވެސް ކަމެއްގައި އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި އެ މައްސަލައިގައި މަޝްވަރާކޮށްގެން ގޮތް ނިންމާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން އެއްބަސްވުމަކަށް ނާދެވިއްޖެ ހިނދެއްގައި މައްސަލަ ކޯޓަށް ވެސް ހުށަހެޅޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން