ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ކުދި ޖަޒީރާ ޤައުމުތަކަކީ މާ ދުރުދުރުގައި ވަކިވަކިން ހުރި، ކުދި ޤައުމުތަކެއް ނަމަވެސް މި ޤައުމުތަކުގެ ބަދަހިކަމާއި ގުޅިފައިވާ ތަޞައްވުރަކީ، ދުނިޔޭގައި ބަސް ހިނގައި، ބޭނުންވާ ބަދަލު ގެނެވޭފަދަ ބާރަކަށް އެއޯސިސް ހަދައިދިން ކަމެއްކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އެއޯސިސްގެ ލީޑަރސް ސަމިޓް 2021ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓު ބާއްވާފައި ވަނީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި، ދެމެހެއްޓެނިވި ތަރައްޤީއާއި އަދި މި ނޫންވެސް ނާޒުކު މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ، އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ދިގު މާޒީއެއް އޮތް ޤައުމުތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19 ޕެންޑަމިކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު އިޤްތިޞާދުތަކަށް، ބޮޑަތި ގެއްލުންތަކާ ކުރިމަތިވެފައިވާކަމަށާއި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށްވެސް ކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދުތައް ސިންދަފާތުކުރުމަށް ޓެކްނޮލޮޖީ ޙިއްޞާކުރުމަށާއި، މާލީ އެހީތެރިކަމާއި ޤާބިލިއްޔަތުކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިވެ ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ވަކިން ޚާއްޞަ ޙާލަތްތައް މެދުވެރިވެފައިވާ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑު ވާންޖެހޭނީ އެކަމަށް އެކަށޭނަ، އެއްބަސްވެވިފައިވާ އަދި ފަސޭހައިން ހަމަޖެހޭގޮތަށް އެކުލަވާލެވިފައި އޮންނަ އެއްޗަކަށްކަންވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުތައް ތަޣައްޔަރުވުމާ ބެހޭގޮތުންނާއި ކޮޕް-26 ގެ ކޮންފަރެންސަށް ތައްޔާރު ވުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މިއަދުގެ ސަމިޓުން ލީޑަރުން އެއްބަސްވެފައިވާ "ލީޑަރސް ޑެކްލެރޭޝަން"ގެ ސަބަބުން، މިފަދަ މައްސަލަތަކަށް ޚާއްޞަ އަހަންމިއްޔަތެއް ދޭންޖެހިފައިވާކަން ހާމަވާ ކަމަށާއި، އެކަންކަން ހައްލު ކުރުމަށްޓަކައި ތަރައްޤީވެފައިވާ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކާއި، ޕްރައިވެޓް ސެކްޓަރއާއި، އަދި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އެއްބާރުލުން ނުހަނު ބޭނުންވެފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދ، މި މަސައްކަތުގައި އެދެވޭ ކުރިއެރުން ލިބޭނެ ގޮތަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވުން ހުއްޓުވުމަށް ގިނަ ޤައުމުތައް އެކުވެގެން ކުރަމުންގެންދާ މަސައްކަތަށް ތާއީދުކުރައްވާ ކަމަށާއި، އެކަމަށްޓަކައި ޚާއްޞަ ބައިނަލްއަޤްވާމީ މުއާހަދާއެއް ގެނައުމަށް ތާއީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ޤައުމުތައް އެކުލެވޭ ޖަމާޢަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށްގެންގޮސްފައެވެ. އެގޮތުން އައްސޭރިފަށުގެ ބިންތިރި، ކުދި ޤައުމުތައް ތަމްސީލުކުރާ ޖަމާޢަތްކަމުގައިވާ 'އެއޯސިސް' އުފެދުނީ 1990ގައި ޖެނީވާގައި ބޭއްވި ދުނިޔޭގެ ދެވަނަ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިންނެވެ. އެއޯސިސް އަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އާއި ބައިނަލްއަޤްވާމީ އެންވަޔަރަންމަންޓް ޕޮލިސީއަށް ވަކާލާތުކޮށް އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ޚާއްޞަ ސަމާލުކަމެއްދޭ ޖަމާޢަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން