ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އ.ދ ގައި މިހާރު އެ އަދާކުރަށްވަނީ ދިވެހިންނަށްޓަކައި އުފުއްލަވާ މަސްއޫލިއްޔަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޑީޑީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ސަނީފް އިއްޔެ ވިދާޅުވެފައިވަނީ، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އދގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރެއްވޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.

މެންބަރު ސަނީފަށް ރައްދު ދެއްވަމުން ޖެނެރަލް ޑީޑީ ވިދާޅުވީ، ވަޒީރަކު އަދާކުރަށްވާ މަޤާމުގެ ޙައިސިއްޔަތުން ސަރުކާރުން ފޮނުއްވީމާ، ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ އިސް މަޤާމުތައް މީގެ ކުރިންވެސް ދިވެހިން އަދާކޮށްފައިވާ ކަމަށެވެ. އެގޮތުން ސާކްގެ ޗެއަރމަންގެ މަޤާމު ރާއްޖޭގެ ތިން ރައީސުން އުފުއްލެވި ކަމަށާއި، ޢަބްދުﷲ ޝާހިދު އ.ދ ގައި މިހާރު އެ އަދާކުރަށްވަނީ ދިވެހިންނަށްޓަކައި އުފުއްލަވާ މަސްއޫލިއްޔަތެއް ކަމަށް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.

"ޢަބްދުﷲ ޝާހިދު މިހާރު އެއަދާކުރަށްވަނީ، ދިވެހި ސަރުކާރުން ހުއްދަ ދެއްވައިގެން ފޮރިން މިނިސްޓަރުގެ ޙައިސިއްޔަތުން ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމާޢަތުގައި އަދާކުރަށްވާ މަސްއޫލިއްޔަތެއް. އެކަމުން ފައިދާވާނީ ދިވެހި ރައްޔިތުންނަށް." ޑީޑީ ވިދާޅުވެފައިވެއެވެ.



ބްރިގޭޑިއަރ ޖެނެރަލް ޑީޑީ އިތުރަށް ވިދާޅުވީ، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިހާރު އުފުއްލަވާ މަސްއޫލިއްޔަތަކީ، ދަޢުލަތުގެ ވަޒީފާއެއް ނޫން ކަމަށާއި، މީހެއްގެ ވަޒީފާއެއްވެސް ނޫން ކަމަށެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ސަނީފް ވިދާޅުވީ، ބައެއް ބޭފުޅުން އޭނާގެ ވާހަކައާ މެދު ހިތްހަމަ ނުޖެހިދާނެ ކަމަށް ވިދާޅުވެ، އޭނާވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޔޫއެންގެ ރައީސްއަކަށް އިންނަވައިގެން މިގައުމުގެ ޚާރިޖީ ސިޔާސަތު ރަނގަޅަށް ހިންގޭނެ ކަމާމެދު ސުވާލު އުފައްދަވާފައެވެ.

ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަދި އެންމެ މުހިންމު މަސްދަރަކީ ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާކޮށް ދަމަހައްޓައި އެކިދާއިރާތަކުން މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖެއާއި ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށްވާއިރު ރާއްޖޭގެ ޚާރިޖީ ވަޒީރަށް މިހާރު ލިބިވަޑައިގެންފައިވާ ފުރުސަތަކީ އެކަމަށް އެންމެ ފަހި ފުރުސަތުކަން ގިނަބަޔަކު ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން