އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ
2020 ވަނަ އަހަރު ދަޢުލަތަށް ރިކަވަރ ކުރެވުނީ އެންމެ އެގާރަހާސް ރުފިޔާ ކަމަށް އެންޓި ކަރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިއަދު ނެރެފައިވާ އެ ކޮމިޝަންގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ ދަލުތަށް އަނބުރާ ފައިސާ ހޯދުމަށްޓަކައި އިދާރާތަކަށް 8 މައްސަލައެއް ފޮނުވާފައިވާއިރު، ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދަކީ 29،158،155.91 ކަމަށެވެ. ނަމަވެސް ދައުލަތަށް އަނބުރާ ހޯދިފައިވަނީ އެންމެ 11،000 ރުފިޔާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނު މައްސަލަތަކުގެ ތެރޭގައި ފައިސާ ހިމެނެނީ ހަތް މައްސަލައިގައެވެ. އެމައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދަކީ، 197،527،046.32 ދިވެހި ރުފިޔާއެވެ.

އޭސީސީން ބުނީ 2020 ވަނަ އަހަރު ކޮމިޝަނަށް 857 ޝަކުވާއެއް ހުށަހެޅުނު އިރު، މި ޝަކުވާތަކުގެ ތެރޭގައިވާ މައްސަލައިގެ އަދަދަކީ 856 ކަމަށެވެ. އަދި ކޮމިޝަނުން އިސްނަގައިގެން ބަލަންކަނޑައެޅި 82 މައްސަލައާއިއެކު، އަހަރުތެރޭ ރަޖިސްޓްރީ ކުރެވުނު މައްސަލައިގެ ޖުމްލަ އަދަދަކީ 938 އެވެ.

ކޮމިޝަނުން 2020 ވަނަ އަހަރު 49 މައްސަލައެއް އެހެން އިދާރާތަކަށް ފޮނުވާ، އިތުރަށް ތަޙުޤީޤު ނުކުރުމަށް 418 މައްސަލައެއް ކަނޑައަޅާފައިވެއެވެ. އިތުރަށް ތަޙުޤީޤުނުކުރުމަށް ކަނޑައެޅެނީ، އެ މައްސަލައަކީ، ކޮމިޝަނުގެ އިޚްތިޞާޞް ނުހިމެނޭ މައްސަލައަކަށްވެފައި، އެ މައްސަލައިގައި އިތުރު މަޢުލޫމާތު ހޯދުން އެކި ސަބަބުތަކާހެދި ކުރިއަށް ނުދާ ހާލަތްތަކުގައެވެ.

އަދި މައްސަލައިގެ ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންނުވާކަމަށް، 352 މައްސަލައެއް އިވެލުއޭޝަން މަރުޙަލާއިން ނިންމާފައިވެއެވެ. މިގޮތުން އިވެލުއޭޝަން މަރުޙަލާއިން 886 މައްސަލަ ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އިތުރަށް ތަޙުޤީޤުކުރުމުގެ މަރުހަލާއިން 75 މައްސަލައެއް ނިންމާފައިވެއެވެ.

އަހަރު ނިމުނު އިރު ކޮމިޝަނުގައި ބާކީ ހުރި މައްސަލަތަކުގެ އަދަދަކީ 1388 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން