ހިޔާ ފްލެޓްގެ ކުލި 5000 ރުފިޔާއަށް ކުޑަކުރަން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

ސަލީމް މިކަމަށް ގޮވާލެއްވީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި، އެތަނުގައި ހުރި އެހެނިހެން މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ކަމާގުޅުން ހުރި އިދާރާތަކާ ބައްދަލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ 5،600 ރުފިޔާއެވެ. ނަމަވެސް މިހާރު ފްލެޓްގެ ކުލި ވަނީ 8،500 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ހިޔާ ޔޫނިއަނުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ބުނީ ފްލެޓުތަކުގެ ކުލި 5،600ރ. އަށް ކުޑަކޮށްދިނުމާއެކު، ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، އަމިއްލަ އަތުން ފިނިޝިން އަށް ހޭދަވާ ހަރަދުން އެއް ލައްކަ ރުފިޔާ ސަރުކާރުން ދިނުމަށެވެ.

އެޗްޑީސީއާއި ސިޓީ ކައުންސިލުންވެސް ބައިވެރިވި މިބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ހުސް ފާރުތަކެއް ހުރި ތަނެއް ބޮޑު ކުލީގައި ނިކަމެތި ރައްޔިތުންނަށް ދިނުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި ސަރުކާރުން އިތުރު ފައިސާ ލައިގެން ނަމަވެސް 5،000 ރުފިޔާއަށްވުރެ ކުލި ކުޑަކޮށްދިނުމަށް އޮތީ ކޮން ހުރަހެއްތޯ ވިދާޅުވެ ސަލީމް ސުވާލު އުފެއްދެވިއެވެ.

ސަލީމް ވިދާޅުވީ ސަރުކާރުން ވަރަށް ގިނަ ކަންކަމުގައި ލުއި ދެއްވަމުންދާއިރު މިކަމުގައި ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދޭންޖެހޭނެކަމަށެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ އަސްލު ކުލި 10،000ރ. އިން މައްޗަށް އަރާ ކަމަށެވެ. އަދި ކުލި 7،500 ރުފިޔާއަށް ކުޑަކޮށްފައިވަނީވެސް ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްދީގެންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އިތުރަށް ފައިސާ ލައިގެން ކުލި ކުޑަކޮށް ނުދެވޭނެކަމަށް ސުހައިލް ވިދާޅުވިއެވެ.

ހިޔާ ފްލެޓަށް މީހުން ބަދަލުވާން ފަށާފައިވާއިރު، އަދިވެސް އެތަނުގައި ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތަކެވެ. މީގެއިތުރުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން