އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރެއްވޭކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާނީ 1.4 މިލިއަން ފަތުުރުވެރިންކަމަށް އެމްއެމްއޭއިން ވިދާޅުވާ ވިދާޅުވުމަށް އިޚްތިރާމްކުރައްވާކަމަށެވެ. ނަމަވެސް އަންދާޒާތަކުން ދައްކާގޮތުން އަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އަނެއްކޮޅުން އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލް އަހަރުކަންވެސް މިނިސްޓަރ މައުސޫމް ފާހަގަކުރެއްވިއެވެ.
އެމްއެމްއޭގެ ދިރާސާއަކުން ދެއްކި ގޮތުގައި އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވެގެންދާ ހާލަތުގައި ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ބެލެވެނީ 1.4 މިލިއަން ފަތުރުވެރިންނެވެ. މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ލަފާކޮށް، އެމްއެމްއޭގެ ސީނިއާ ރިސާޗް އެނަލިސްޓް، ދަހާ ޝުއައިބު ހަދާފައިވާ ދިރާސާއެއްގައެވެ.

އެ ދިރާސާގައި ހަތަރު ހާލަތަކަށް ޓޫރިޒަމް ކުރިއަށް ލަފާ ކޮށްފައިވެއެވެ. އެއީ ވޯސްޓް ކޭސް (އެންމެ ގޯސް ހާލަތު) ގައާއި، މޮޑަރޭޓް ކޭސް (މެދުމިންވަރެއް)ގައާއި، އޮޕްޓިމިސްޓިކް (އެކަށީގެންވާ) ހާލަތުގައާއި، އަދި މޯސްޓް އޮޕްޓިމިސްޓިކް ކޭސް ނުވަތަ އެންމެ ރަނގަޅު ހާލަތުގައި ފަތުރުވެރިކަން އަންދާޒާކޮށް ޖަހާފައިވާ ހިސާބެކެވެ.

މި ރިޕޯޓުގައިވާގޮތުން ފަތުރުވެރިކަން އެންމެ ރަނގަޅު ހާލަތުގައި މިއަހަރު ނިމޭއިރު ރާއްޖެއަށް އަންނާނީ 1 މިލިއަން ފަތުރުވެރިންނެވެ. އަދި އަންނަ އަހަރު މި ހާލަތުގައި 1.4 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، 2023 ވަނަ އަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކޮށްފައިވަނީ 1.8 މިލިއަން ފަތުރުވެރިންނެވެ. މި އަދަދު ވެގެންދާނީ ރެކޯޑް އަދަދަކަށެވެ.

ކިޔުންތެރިންގެ ހިޔާލު