ރާއްޖެއަސް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަސް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް މިމަހު 61،000 ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 61،421 ފަތުރުވެރިންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް 817،387 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ އޯގަސްޓްމަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 143،599 ފަތުރުވެރިންނެވެ. ޖެނުއަރީމަހު ރާއްޖެއަށް 92،103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 96،882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

އަދި މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109،585 ފަތުރުވެރިންނެވެ. އޭޕްރީލް މަހު 91،200 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މެއި މަހު ރާއްޖެއަށް ޒިޔާރަތް ކުރީ، 64،613 ފަތުރުވެރިންނެވެ. އަދި ޖޫން މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، 56،166 ފަތުރުވެރިންނެވެ. މިދިޔަ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރީ 101،818 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ނިސްބަތް 22.4 އިންސައްތައިގައި ހުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން ޙިއްސާކުރަނީ 20.4 އިންސައްތަ ފަތުރުވެރިންނެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 3،163 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 867 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 155 ރިސޯޓަކާއި، 144 ސަފާރީގެ އިތުރުން 10 ހޮޓަލަކާއި، 558 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 50،664 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 36،832 އެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ، މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 93 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް 99 އިންސައްތަ މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ޖަހައިފައެވެ. ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ 152 ރިސޯޓްގައި މުޅި ޖުމްލަ 41،431 މުވައްޒަފުން މަސައްކަތްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން