ފެނަކައިގެ މުވައްޒަފުންތަކެއް ޚިދުމަތުގައި
ފެނަކައިގެ މުވައްޒަފުންތަކެއް ޚިދުމަތުގައި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 2018 ވަނަ އަހަރުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ދޯންޏެއްގެ މައްސަލާގައި ފެނަކައިގެ ކުރީގެ އިސްވެރިއަކަށް ދަޢުވާ ކޮށްފިއެވެ.

އޭސީސީން ބުނީ އެ މައްސަލާގައި ކުއްޔަށް ހިފާފައިވަނީ، ފެނަކައިގެ ޕްރޮކިއުމަންޓް އިސްވެރިޔާއާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލަ އެކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާ ޞާލިޙް (ހޯދަޑު. މައިޒާން، ޏ. ފުވައްމުލަކު) ގެ މައްޗަށް ދައުވާކުރުމަށް 16 ސެޕްޓެންބަރު 2021 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިމައްސަލާގައި ހޯދާފައިވާ ކިތާބީ ހެކިތަކާއި ޝަފަވީ ހެކިތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަނަށް ދޯނި ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް އެދުވަސްވަރު ޕްރޮކިއުމަންޓު ޑިޕަރޓްމަންޓުގައި އެންމެ އިސްވެރިޔާގެ މަޤާމުގައި ހުރި މަރްޔަމް ދީނާ ޞާލިޙް އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާކަން އެނގޭތީއާއި، ދޯނި ކުއްޔަށް ހިފުމުގައި ކޯޓޭޝަން ހޯދާފައިވަނީ ހަމައެކަނި މަރްޔަމް ދީނާ ސާލިޙާ ގާތް ގުޅުން އޮތް ކުންފުނިން ނުވަތަ އެ ކުންފުނީގެ ވެރިޔާގެ މަސްލަހަތު އޮތް ފަރާތްތައް މެދުވެރިކޮށްކަމާއި އެކަމުގެ ސަބަބުން ވާދަވެރިކަން ގެއްލި ދަޢުލަތަށް ގެއްލުންވެފައިވާކަން ސާބިތުކުރެވޭވަރަށް ތަޙުޤީޤުގައި ހެކި ލިބިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މިމައްސަލާގައި މަރްޔަމް ދީނާ ޞާލިޙް (ހޯދަޑު. މައިޒާން، ޏ.ފުވައްމުލަކު) ގެ މައްޗަށް ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އަދި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާ (ހ) އަދި 13 ވަނަ މާއްދާ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.

"މި މައްސަލައާ ގުޅިގެން އެކޮމިޝަނުގެ ތަހުޤީޤުގައި ބަލާފައިވާ 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރތަކާއި އެކަމާ ގުޅޭ ލިޔުންތަކަށް ބަލާއިރު، އެކުންފުނީގެ 06 (ހައެއް) ޕާޗޭސް އޯޑަރަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރު ކުރުމަށް ޖެނެރަލް ސަރވިސް ރިކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕަރޓްމަންޓުން ޕްރޮކިއުމަންޓު ޑިޕަރޓްމަންޓަށް ފޮނުވުމުގެ ކުރިންނެވެ." އޭސީސީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން، މަރްޔަމް ދީނާ ޞާލިޙް ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓު ޑިޕަރޓްމަންޓުގައި ހުރި ދުވަސްވަރު، ތައްޔާރުކޮށްފައިވާ ޕާޗޭސްއޯޑަރތަކާއި އޭނާ އެ މަޤާމުން ބަދަލުކުރިފަހުން، ދޯނިކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރތަކާ އަޅާކިޔުމުން މަރްޔަމް ދީނާ ޞާލިޙް ޕްރޮކިއުމަންޓު ޑިޕަރޓްމަންޓުގައި ހުރި ދުވަސްވަރު ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފައިގެން ދަތުރު ކޮށްފައި އެވަނީ މާބޮޑު އަގެއްގައި ކަމަށާއި، މި ޢަމަލުގެ ސަބަބުން ކުންފުންޏަށާއި ދަޢުލަތަށް މާލީގޮތުން ގެއްލުންވެފައިވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން