ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ މަގާމު ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނަށް ދެއްވުމަށް ރައީސް ޔާމީނަށް ދެންނެވިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއި ރައީސް މައުމޫނާއި ދެމެދު އުފެދުނު ސިޔާސި އެންމެ ބޮޑު މައްސަލައަކީ، ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫނަށް ނާއިބު ރައީސްކަން ނުދެއްވުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ނާއިބު ރައީސްކަމުން އަދީބު ވަކިކުރެއްވުމަށްފަހު އެމަގާމަށް އައްޔަންކުރާ ބޭފުޅަކަށް ފާރިސް ހަމަޖެއްސުމަށް ރައީސް މައުމޫން، ރައީސް ޔާމީނަށް ހުށަހެޅުއްވިކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން ބުނެއެވެ. ނަމަވެސް ސިޔާސީ އެއްވެސް ލީޑަރަކު އެވާހަކައެއް މިހާތަނަށް ނުދައްކަވައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައީސް ޔާމީން ވެރިކަމަށް ގެނައި ކޯލިޝަންގެ ޕާޓްނަރެއްކަމަށްވާ ގާސިމް އިބްރާހިމް ވަނީ އެކަމަށް އިޝާރާތްކުރައްވައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވާފައެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެއްކަމަށެވެ. އަދި ކިތަންމެ ވަރަކަށް ޕްރެޝަރުކުރިނަމަވެސް ރައީސް ޔާމީން ގޮތްދޫނުކުރައްވައި، އެގޮތެއްގަައި ހުންނަވާކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން އަދީބު ނާއިބު ރައީސްކަމުން ވަކިކުރުމުން ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނަށް ނާއިބު ރައީސްކަން ދެއްވުމަށް މައުމޫން ހުށަހެޅުއްވިކަމަށާއި، އެކަން އެގޮތަށް ކުރެއްވުމަށް ޔާމީނަށް ދެންނެވިކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން އެއްގޮތަކަށްވެސް އެކަމަށް އެއްބަސްވެވަޑައިނުގެންނެވިކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ރައީސް ޔާމީނަށް ކީއްވެގެންތޯ ފާރިސް މައުމޫނަށް ނާއިބު ރައީސްކަން ނުދެއްވަން ތި އުޅުއްވަނީ. އޭގެ ސަބަބުން ލިބޭނީ ނިކަމެތިކަމެއް ނޫންތޯ ދެންނެވިން..އަޅުގަނޑު މަސައްކަތް ކުރިން އެކަން ދަމަހައްޓަން.. އެކަމަކު އެމަނކުފާނު ވިދާޅުވި ތިމަންނާއަކަށް އެކަމެއް ނެތޭ ކުރެވޭކަށް... އެކަމުގައި އަޅުގަނޑު ދެއްކި ވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއް ނޫން.. އެ ދެ ބޭފުޅުންގެ (ރައީސް މައުމޫނާއި ރައީސް ޔާމީން)އާ ދެމެދު އިތުރަށް މައްސަލަ އުފެދޭކަށް ބޭނުމެއް ނޫން." ގާސިމް ވިދާޅުވިއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީއާއި ގާސިމް އިބްރާހިމްގެ ތާއީދާއެކު ކޯލިޝަނެއްގެ ތެރެއިންނެވެ. އެ ކޯލިޝަންގައި އޭރު ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އަދާލަތު ޕާޓީ އޮތެވެ. ނަމަވެސް ވަކި ހިސާބަކުން ކޯލިޝަން ރޫޅި، ރައީސް މައުމޫންވެސް ޕީޕީއެމުން ވަކިކުރީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން