ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ މިއަދު މި އިފްތިތާޙު ކުރެވުނު ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތަކީ، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއްކަމަށެވެ. އަދި އެއީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، މިހާރަށްވުރެ ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ވަރަށް ހަރުދަނާ ފާލަމަކަށް ވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ޚިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް، ޢާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން. ކަމެއް ހުށަހެޅުމަށްޓަކައި އޮފީހަކަށް ދާން ނުޖެހުން. އަދި އޮފީސް ހުޅުވެންދެން އިންތިޒާރު ކުރަންވެސް ނުޖެހުން. އަދި އޮފީސް ބަންދުކޮށްފައި ހުރުމުން، ހުށަހަޅަން ބޭނުންވާ ކަމެއް ހުށަނޭޅި ހުންނަން ނުޖެހުން. އޭގެ އިތުރުން، ކަމެއް ހުށަހެޅުމުން، އެ ހުށަހެޅި ކަމަކާމެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު، މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލެން ހުރުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުންކަމަށާއި އެހެންކަމުން، އަޅުގަނޑުމެންވެސް މިވަނީ ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ޤާއިމުކުރަން ޖެހިފައިކަމަށެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީ ތަޢާރުފްކުރުމުން، ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތް ތަޢާރުފްވެގެން އަންނައިރު، ޤާނޫނީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ. އެކަމަށް ދުރާލައި ޙައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލެއް މިހާރުވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް ޚިދުމަތް ތަޢާރުފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މަޢުލޫމާތުތަކަށްކަމަށެވެ. އަދި އިންޓަރނެޓްގެ ޒަރީޢާއިން ހިންގާ އެކިއެކި ޖަރީމާތަކުން ރައްޔިތުން ޙިމާޔަތްކޮށްދިނުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ފަރުމާ ކުރަމުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިންޓަރނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެށްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި އިޤްތިޞާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިޤްތިޞާދަކާ ދިމާއަށް ޤައުމު ގެންދިޔުމަކީވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށެވެ. އެކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންކަމަށްވެސް ރައިސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ ޢާންމު މިންގަނޑުތަކާއި، ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް ޢާންމުކުރެވޭނެކަމަށެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމްތައް އޮފީސްތަކުގައި ޤާއިމުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރވިސް ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ނުލިބޭނަމަ، ހަމަ މި ނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާނެކަމަށާއި މި ނިޒާމު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، އެއް ވަގުތެއްގައި ބެލެން ހުންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން